ޒުވާނުން ހައިބްރިޑް ހަނގުރާމައާ ބެހޭ ފަންނިއްޔާތުގެ ހުނަރުތައް ދަސް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވމުންއެވެ.
ނައިބު ރައީސް ވިދާޅުވީ ގައުމީ އަބްޠާލުންގެ ޒިކުރާ އައު ކުރަމުންދާއިރު މިއަދު އިއްޔެއާއި ތަފާތު ކަމަށާއި އިއްޔެގެ ފަސްމާގާއި މާދަމާގެ ކުރިމަގު ތަފާތުކަމަށާއި އަދުގެ ދުނިޔޭގައި ތޮޅެނީ ހަމައެކަނި ލޮންސިއާ ކަނޑި ބަޑި، ނުވަތަ ބޮމަކުން ނޫންކަމަށެވެ.
އެގޮތުން މިއަދު ހަނގުރާމަތައްކޮށް ގައުމުތައް ސުންނާފަތި ކުރުމުގައި ބޭނުން ހިފަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައްކަމަށް ވުމާއެކު މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައި ވަނީ މިފަދަ ނުރައްކާތަކުން އެއްކިބާވުމުގެ މައްޗަށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އަދުގެ ޒުވާން ޖީލަކީ މާދަމާއަށް ނަމޫނާ ޖީލަކަށް ވާންޖެހޭކަމަށާއި އެ ނަމޫނާ ދެއްކޭނީ ދޮން ބަންޑާރައިން ފަދައިން މާޒީގެ ބަތަލުންނަށް ދޭންޖެހޭ ހައްގު ޝުކުރު މިއަދު އަދާކޮށްގެން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ދުނިޔެ އަދު ކުރިމަތިލާފައިވާ ހައިބްރިޑް ހަނގުރާމަޔާއި ކުރިމަތުލުމަށް ބޭނުންވާ ފަންނީ ހުނަރުތައް ދަސްކުރުމަށް އަދުގެ ޒުވާނުންނަށް ގޮވާލައްވާ ކަމަށާއި 21 ވަނަ ގަރުނުގެ ތަހުޒީބާއި ތަމައްދުނުގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް އަދުގެ ކޮންމެ ބޭފުޅަކަށްވެސް އިލްތިމާސްކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.