މަސްވެރިންނާއި ކެއުޅުންނާ ގާތުން މަސައްކަތްކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެއުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވަނީ މިއަދު ހެނދުނު ކެއުޅުންނާ ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. މި ބައްދަލުކުރެއްވުން ކުރިޔަށް ގެންގޮސްފައި ވަނީ ރައީސް އޮފީހުގައިއެވެ.މި ބައްދަލުކުރެއްވުމުގައި ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސްއާ ހިއްސާ ކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ހަމައެއާއެކު، މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެސް، ކެއުޅުން ރައީސްއާ ހިއްސާ ކުރެއްވިއެވެ. ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކެއުޅުން އެދިވަޑައިގެންނެވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ކެއުޅުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
އެބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ކުރިއަށްދިޔަފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.