ރައީސް ހުރަވީ ދުވަސް ސިފަކުރެއްވީ ގައުމަަށް ހިޔާނާތްތެރިވުމާއި އަމާނާތްތެރިވުމުގެ މިސާލު ފެންނަ ދުވަހުގެ ގޮތުގައި!
ހުރަވީ ދުވަހަކީ ޤައުމަށް އަމާނާތްތެރިވުމާއި ޤައުމަށް ޚިޔާނާތްތެރިވުމުގެ މިސާލު ވެސް ފެންނަ ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ.
ރައީސް މިގޮތަށް ސިފަކުރައްވާފައި ވަނީ ހުރަވީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރިތި އަޚުލާޤަކީ މިއަދު ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅެއްކަމަށެވެ.
ހުރަވީ ދުވަހުގެ ގޮތުގައި ހިޖުރީގޮތުން ކޮންމެ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ދޮންބަންޑާރައިން އިސްވެހުންނަވައިގެން މާލާބާރީން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވުމަށް ކުރެއްވި ޖިހާދުގެ ހަނދާން އައުކުރުމަށެވެ. ހުރަވީ ދުވަސް ފާހަގަކުރަން ފަށާފައިވަނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ ތިންވަނަދުވަހު އެވެ.