ޚަބަރުސިޔާސީ

ފިސްކަލް ޒިންމާގެ ބިލާއި ދަރަންޏާ ބެހޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ދައުލަތުގެ ދަރަންޏާބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ދައުލަތުގެ ދަރަންޏާބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) އެވެ. އަދި ސަރުކާރުގެ ފަރާތުން ފިސްކަލް ޒިންމާގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ނަސީމެވެ.

ދައުލަތުގެ ދަރަންޏާބެހޭ ބިލު ގާނޫނަކަށް ބަދަލުވާތާ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދަރަނި މެނޭޖުކުރުމަށް ހާއްސަ އޮފީހެއް ގާއިމްކުރަން ޖެހޭ ކަމަށާއި ފިނޭންސް މިނިސްޓްރީގެ ދަރަނި މެނޭޖްކުރާ ޑިޕާޓްމަންޓްގެ ހުރިހާ މަސައްކަތެއް އެ އޮފީހުގެ ދަށަށް ބަދަލުވެގެންދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ދަރަންޏާ ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓްކުރުމާއި ކައުންސިލްތަކާއި ސަރުކާރުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ސޮވެރިން ގެރެންޓީ ދިނުމާބެހޭ އުސޫލުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ. ދައުލަތުން ދަރަނި ނަގައި ބަލަހައްޓަނީ ގައުމުގެ އިގްތިސޯދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވި ގައުމުގެ އިގްތިސޯދީ ފުދުންތެރިކަމާއި ދައުލަތުގެ މާލިއްޔަތުގެ ނިޒާމް ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި އަލަށް ތައާރަފް ކުރާ ގާނޫނެކެވެ.
އަދި ފިސްކަލް ޒިންމާގެ ބިލަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތައާރަފުކޮށް ދައުލަތުގެ ފިސްކަލް އެންމެހާ ކަންކަން ހިންގަނީ ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށް ހުށަހެޅި ބިލެކެވެ.

ފިނޭންސް މިނިސްޓްރީ އިން ފިސްކަލް ޕޮލިސީ އެކުލަވާލަންޖެހޭއިރު ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ 6 މަސްދުވަހުގެ ތެރޭގައި އެ ސަރުކާރެއްގެ ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button