ޗައިނާގެ ސަފީރު، ރައީސްއާ ވަދާއީ ސަލާންކުރައްވައިފި
ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވަދާއީ ސަލާންކުރެއްވުމަށް އެމަނިކުފާނުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސަފީރު ވަންގް ލިޒިން އަނބުރާ ޗައިނާއަށް ވަޑައިގަތުމުގެ ކުރިން ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެ ގައުމުގެ ގާތް ގުޅުން ދެމެހެއްޓުމަށްޓަކައި ސަފީރު ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ތަރައްގީގައި ޗައިނާ އިން މުހިންމު ދައުރެއް އަދާކުރާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ޗައިނާގެ ސަފީރު ވަނީ ރައީސް އާއި ދިވެހި ސަރުކާރުން އޭނާއަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވައިފަ އެވެ. މި ސަރުކާރުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކުރައްވައި، މަރުހަބާ ދެންނެވި އެވެ. އަދި ދެ ގައުމުގެ ގާތް ގުޅުން ހަރުދަނާ ގޮތެއްގައި ދަމަހައްޓަމުން އަންނާތީ އެކަމަށް ސަފީރު ތައުރީފުކުރެއްވި އެވެ.
އެ ބައްދަލުވުން ނިންމާލީ ޗައިނާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތަކާއި އަދި ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ފަހުއެވެ.