ރައީސް ޑރ މުހައްމަދު މުއިއްޒު ޔޫ.އޭ.އީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް، ޝައިޚް މުޙައްމަދު ބިން ޒާއިދް އަލް-ނަޙްޔާން އާއި އެޤައުމުގެ ނައިބުރައީސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް-މަޚްތޫމް އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި، ޔޫ.އޭ.އީ އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެއްކަމަށާއި، އެގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރައީސް، ޝައިޚް މުޙައްމަދު ބިން ޒާއިދް އަލް-ނަޙްޔާން އާއި އެޤައުމުގެ ނައިބުރައީސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް-މަޚްތޫމަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ޤައުމުގެ އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވަމުންނެވެ.