ޚަބަރުސިޔާސީ

އަރބަން ޑިވެލޮޕްމަންޓްގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

އާބަން ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތައް ހިންގުމުގެ ބާރު އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އާބަން ޑިވެލޮޕްމަންޓް ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި އާބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކުރުމާގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އަރބަން ސަރަޙައްދުތަކާއި އެފަދަ ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އަރބަން ސަރަޙައްދުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމާގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސް އެވެ.

މި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ޢުމްރާނީ ތަރައްޤީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ. އެއީ، މިހާރުގެ ގޮތުންނަމަ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނުގެ ދަށުން ކަނޑައަޅާ އަރބަން ސަރަޙައްދުތަކުގެ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކޮށް، އެފަދަ ސަރަޙައްދުތައް ތަރައްޤީކުރާ ފަރާތްތަކަށް ތަރައްޤީކުރުމުގެ ހުއްދަތައް ދިނުމާއި، އެފަރާތްތަކުން އެ ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، ”އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ“ ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި އޮތޯރިޓީ ހިނގަމުންދާނީ ޢުމްރާނީ ތަރައްޤީގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ދަށުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button