ދިވެހިރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި ”ޓޮބޭކޯ ސިޒޭޝަން ކްލިނިކް“ ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. އެގޮތުން މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ޤާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ހިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއަރގެ ހިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ހިދުމަތް ދިނުމަށް ރައީސް ހަމަޖައްސަވާފައިވެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓަރ ޕްލޭންގެ ދަށުން، ރައީސް ވަނީ މުހިންމު ގިނަ އިސްލާހުތަކެއް ތައާރަފް ކުރައްވާފައެވެ.
މި އިސްލާހުތަކުގެ ތެރޭގައި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނޭއިރު، މީގެ ސަބަބުން ދުންފަތުގެ ބާވަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމަށާއި، ވޭޕް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.