ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އާއި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ދިނުމަށް މާލޭގެ ހަ އަވަށާއި އަތޮޅު ތެރޭގައި ސެންޓަރުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. އިއްޔެގެ ބައްދަލުކުރެއްވުމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުއިއްޒު ނިންމަވާފައިވަނީ ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ތަޢާރަފުކުރުމަށްޓަކައި، މިއަހަރު ނިމުމުގެ ކުރިން އެކަން ތަންފީޒުކުރައްވަން ފެއްޓެވުމަށެވެ.
އެގޮތުން މިނިސްޓްރީ އޮފް ފިނޭންސް އާއި، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މަޝްވަރާކޮށް މި ސިސްޓަމުގެ ތެރެއިން ޞިއްޙީ ޚިދުމަތުގެ އިސްރާފުތައް ކުޑަކުރެވިގެންދާނޭގޮތަކަށް މި މަސައްކަތް ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނިންމަވާފައިވެއެވެ.
މީގެ އިތުރުން މާލެ ސަރަޙައްދާއި ރީޖަނަލް، ސިޓީތަކުގައި ސެންޓަރުތައް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސެވުމަށާއި، މި ސެންޓަރުތައް ގާއިމުކުރުމުގައި، ރައްޔިތުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުން، ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަގާ މުއްދަތު ވިހާވެސް އަވަހަށް މާލެ ސަރަޙައްދުގައި ގާއިމުކުރުމަށްޓަކައި، މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ބަލައި މި މަސައްކަތް އަވަސްކުރުމަށް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ.