ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފިއެވެ.
މިގޮތަށް ފާސްކުރި ސެނެޓް ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު އަދި ޑިފެންސް މިނިސްްޓަރ ޣައްސާން މައުމޫންއެވެ.
މިއަދު ބޭއްވި ސެނެޓު ބައްދަލުވުމުގައި އެ ޕާޓީ އުވާލުމަށް ފާސްކޮށްފައި ވަނީ ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. ޕާޓީ އުވާލާފައިވަނީ ސެނެޓް ބައްދަލުވުމުގެ ކުރިން އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނަން ފާސްކުރުމަށް ފަހުއެވެ.
އެގޮތުން، ޕާޓީ އުވާލަނީ 3/4 ސެނެޓަރުންގެ އަގުލަބިއްޔަތުން ކަމަށް ބުނާ މާއްދާ، 2/3 އަގުލަބިއްޔަތަށް ވަނީ ބަދަލުކޮށްފައެވެ. އަދި މާލީ ސަބަބުތަކަށްޓަކައި ޕާޓީ އުވާލަން ޖެހޭ ނަމަ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އޮތްއޮތުން، ލީޑާޝިޕަށް ފެނިއްޖެ ނަމަ އުވާލަން ހުށަހެޅޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.