ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހަކީ ވަކި ހިދުމަތެއްގެ ގޮތުގައި ހެދުމަށް، ”ބަންޑާރަ ނައިބު އޮފީހުގެ ބިލެއް“ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއު އެވެ. މި ބިލްގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. ބިލްގައި ބުނެފައިވަނީ ގާނޫނު އަސާސީގެ ދަށުން ބަންޑާރަ ނައިބުގެ މަގާމަށް އައްޔަން ކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި ބަންޑާރަ ނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަ ނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުމެވެ. ބިލްގައިވާ ގޮތުން ބަންޑާރަ ނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުގެ ނަމުގައި މި އޮފީސް ގާއިމް ކުރާނީ ސިވިލް ސާވިސްގައި ނުހިމެނޭ، ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައެވެ.
އެގޮތުން ބަންޑާރަ ނައިބުގެ އޮފީހުން އަދާކުރަންޖެހޭ ގާނޫނީ އެންމެހާ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި އެ އޮފީހުން ފޯރުކޮށްދޭން ޖެހޭނެ ހިދުމަތްތަކާއި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އައްޔަން ކުރާ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މިބިލްގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ބަންޑާރަ ނައިބަށް ލިބިގެންވާ ބާރުތައް މި ބިލްގައި ވަނީ ކަނޑައަޅައިފައެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުގެ އިސް މަގާމުތަކާއި އެ އޮފީސް ހިންގުމާ ގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.
ބަންޑާރަ ނައިބުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތަކާއި ބަންޑާރަ ނައިބު ކޮށްގެން ނުވާނެ ކަންތައްތައް ވެސް ވަނީ ބަޔާންކޮށްފައެވެ. ކޮންމެ އަހަރަކު އެއްފަހަރު ބަންޑާރަ ނައިބު، އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލް ހުށަހަޅަންވާނެއެވެ. ބިލްގައި ވާގޮތުން ބަންޑާރަ ނައިބު ޖަވާބުދާރީވާން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލިހަށެވެ. ބަންޑާރަ ނައިބުގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރެވޭނެ ގޮތްތައް ވެސް މި ބިލްގައި ވަނީ ބަޔާންކޮށްފައިވެއެވެ.