ޚަބަރުސިޔާސީ

ކޮޕީ ރައިޓް ބިލު މަޖިލީހުން ފާސްކޮށްފި

ރާއްޖޭގައި ކޮޕީރައިޓާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ. އެގޮތުން ކޮޕީ ރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް އިގްތިޞާދީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމެޓީގެ މުޤައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަސާދުއެވެ. ކޮޕީ ރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް އިގްތިޞާދީ ކޮމެޓީން ނިންމިގޮތަށް ފާސް ކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުން ވެސް ވޯޓު ދެއްވީ ބިލު ފާސްކުރުމާ އެއްކޮޅަށެވެ.

މެންބަރު ފަސާދު ވިދާޅުވިގޮތުގައި ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގެ ބޭނުމަކީ ކޮޕީ ރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާއި ގުޅޭ އެ ނޫން ވެސް ހައްގުތަކާއި ބެހޭ ކަންކަން އިތުރަށް ތަފްސީލު ކުރުމެވެ.

ކޮޕީރައިޓް ގާނޫނަށް ގެންނަން މިއަދު ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު އިތުރު ކުރުމާއި ކޮޕީރައިޓް ގާނޫނުން ހިމާޔަތް ކޮށްފައިވާ ހައްގަކަށް އަރައިގަންނަ މީހަކު، އެ ކުށް ތަކުރާރު ކޮށްފިނަމަ ދެވޭ އަދަބު ދެގުނަ ކުރެވޭ ގޮތް ހެދުމެވެ.

ކޮޕީރައިޓް ގާނޫނުގައި މީގެ ކުރިން އޮންނަނީ އުފެއްދުމެއްގެ މުސައްނިފުގެ ހަޔާތުގައި އަދި އެމީހަކު މަރުވުމަށްފަހު 50 އަހަރު ވަންދެން އެ އުފެއްދުމެއް ކޮޕީރައިޓް ގާނޫނުގެ ދަށުން ހިމާޔަތް ކުރެވޭނެ ކަމަށެވެ. ނަމަވެސް މިއަދު ފާސްކުރީ އެ މުއްދަތު 70 އަހަރަށް އިތުރު ކުރުމަށެވެ.

ކޮޕީރައިޓް ގާނޫނާ ހިލާފުވެ، އެ ގާނޫނުން ހިމާޔަތް ކޮށްފައިވާ ހައްގަކަށް އުނިކަން އަންނާނެ ގޮތަށް ގަސްދުގައި އަމަލު ކުރާ މީހާއަށް ދެވޭނެ އަދަބެއްގެ ގޮތުގައި މިހާރު ބަޔާން ކޮށްފައި އޮންނަނީ 50،000ރ. އާއި 300،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި، އެ ކުށް ސާބިތުވާތާ ފަސް މަސްދުވަހުގެ ތެރޭގައި އެ ކުށް ތަކުރާރުކޮށްފިނަމަ، ކުށަށް ދެވޭ އެންމެ ބޮޑު އަދަބު ދެގުނަ ކުރެވޭ ގޮތަށް ގާނޫނުގައި މިހާރު އޮވެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button