ރާއްޖޭގައި ކޮންމެ ފަސް އަންހެނަކުން އެކަކަށް ޖިންސީ އަނިޔާ ލިބޭ: މިނިސްޓްރީ
ރާއްޖޭގައި ކޮންމެ ފަސް އަންހެނަކުން އެއް އަންހެނަކަށް، ބައިވެރިޔާގެ ފަރާތުން ޖިސްމާނީ އަދި ނުވަތަ ޖިންސީ އަނިޔާ ލިބޭ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓްގައި ބުނީ ޖިންސީ އަނިޔާގެ %80 އަށް ވުރެ ގިނަ މައްސަލަތަކުގައި އަނިޔާ ކުރާ ފަރާތަކީ ބައިވެރިއެއް، އާއިލާ މީހެއް، ރައްޓެއްސެއް ނުވަތަ އަވައްޓެރިއެއް ކަމަށާއި ރާއްޖޭގައި ކޮންމެ ފަސް އަންހެނަކުން އެއް އަންހެނަކަށް، ބައިވެރިޔާގެ ފަރާތުން ޖިސްމާނީ އަދި ނުވަތަ ޖިންސީ އަނިޔާ ލިބޭ ކަމަށެވެ.
އޭގެއިތުރުން ރާއްޖޭގައި، ޒާތީ ގުޅުމެއްގައި އުޅޭ ނުވަތަ އުޅެފައިވާ އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ފަސް އަންހެނަކުން އެއް އަންހެނަކަށް، ބައިވެރިޔާގެ ފަރާތުން ޖިސްމާނީ އަދި ނުވަތަ ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ..
މުޅި ދުނިޔެއަށް ބަލާލާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި އަނިޔާ ކުރާ ފަރާތަކީ ގިނަފަހަރު އަނިޔާ ލިބޭ ފަރާތް ދަންނަ ނުވަތަ ގެވެށި ގުޅުމަކުން ގުޅިފައިވާ މީހެއްކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ގެވެށި ގުޅުންތައް ހަރުދަނާކޮށް، އަނިޔާއިން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމައުއެއް ގާއިމުކުރުމުގައި އެންމެންގެވެސް ދައުރެއްވާތީ ގޭތެރެއާއި އެނޫންވެސް އެންމެހާ ތަންތަނަކީ ރައްކާތެރި ތަންތަނަށް ހެދުމަށް އެންމެން ވެސް ސަމާލުކަންދިނުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.