އެންސްޕާއާއި ގުޅިގެން ދައްކަމުންދަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް: އެންސްޕާ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަޙްޤީޤުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިފަިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެންސްޕާގެ މުދަލާއި ފައިސާ އަދި މުވައްޒަފުން ބޭނުންކޮށްގެން އެމްއެމްޓީވީ ހިންގަން އެހީތެރިވަމުން އަންނަ ކަމަށާ، އެ ޗެނަލް ހިންގާ އިމާރާތުގެ ކުލި ދައްކަނީ އެންސްޕާ މެދުވެރިކޮށް ކަމަށް ތުހުމަތުކޮށް ބައެއް ނޫސް ތަކުން ފަތުރަމުންދާ ވާހަތަކާއި ގުޅިގެން އެންސްޕާއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައިވަނީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
އެ އެޖެންސީން ހިންގުމަށް އިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ އެ އެޖެންސީއާއި މާލީ ވުޒާރާ އާއި ދެމެދު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ކުރެވިފައުވާ މުއާމަލާތެއް ކަމަށެވެ. އަދި އެއީ އެ އެޖެންސީއާއު އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއް ނޫން ކަމަށްވެސް އެންސްޕާއިން ވަނީ ބުނެފައެވެ.
އެންސްޕާ އާއި އެ އެޖެންސީގެ މުވައްޒަފުންގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭގޮތަށް ދައްކަމުންދާ ވާހަކަ ތަކާމެދު މިނިވަން ތަހުގީގެއް ހިންގައި އެކަންކަމުގެ ތަފްސީލް ރައްޔިތުންނަށް ހާމަކުރުމަށް އެ އެޖެންސީން ވަނީ އޭސީސީގައި އެދިފައިކަމަށް ވެސް އެންސްޕާއިން ވަނީ ބުނެފައެވެ.