ރާއްޖޭން ބައިނަލްއަގްވާމީ ކޯޓުތަކުގެ އަމުރުތައް ތަންފީޒުކުރާނަން: އިހުސާން
ވަކި މީހަކު އިސްތިސްނާނުކޮށް ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ތަންފީޒުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އޭނާ ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން އަމުރު ނެރެފައިވާއިރު އޭނާ ރާއްޖެ އައިސްފި ނަމަ ހައްޔަރުކުރާނެތޯ ސުވާލުކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން އިހްސާން ވިދާޅުވެފައި ވަނީ ނަތަންޔާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމަށެވެ.
އެ ޕޯސްޓްގައި ނޫހަކުން ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާ ކުރެވިފައި އެޔަށް ރައދުދެއްވާފައި ވުމުން މިނިސްޓަރު ވަނީ އެ ޕޯސްޓް ޑިލީޓްކުރުމަށްފަހު މިއަދު އަނެްކާވެސް އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށެވެ.
ބައެއް ނޫސްތަކުން ގުޅުމުން އެ ވާހަކަ ތަކުރާރުކޮށްފައިވާނެ ކަމަށާ އަދި އިތުރު ސުވާލުތަކަށް ޖަވާބު ވެސް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހު ކުރެއްވި ޕޯސްޓް ޑިލީޓް ކުރެއްވީ ހެޔޮއެދޭ ބައެއް ބޭފުޅުން އެ ޕޯސްޓުގައި މީޑިއާއަކަށް ނިސްބަތްކޮށް ވިދާޅުވި ވާހަކައަކީ ރަސްމީ ހައިސިއްޔަތުން ވިދާޅުވާން އެންމެ ރަނގަޅު ވާހަކައެއް ކަމަށް ނުދެކޭ ކަމަށް ފާހަގަކުރެއްވުމުން ކަމަށެވެ.