ސިޔާސީ

ރައީސް ހާމަކުރެއްވީ 500 ޑޮލަރު މާރުކުރާގޮތަށް ބިލު އޮތުމުން ކުރާނެ މުހިންމު ފައިދާތައް

ބޭރު ފައިސާއާ ބެހޭ ބިލުގައި 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތުމަކީ ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ،17 ނޮވެމްބަރ 2024 ގައި އެމަނިކުފާނު ވިދާޅުވި ފަދައިން، ގަވާއިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާއާ ބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. މި ޤާނޫނުގެ ސަބަބުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަދި ޓޫރިޒަމް ނޫން ދާއިރާތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވާއިރު، މިކަމުގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން ކަމަށެވެ. މިގޮތުން އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި:

1. 2025 ޖުލައި މަހުން ފެށިގެން ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން.

2. 2026 ގެ ފުރަތަމަ ކުއާޓަރގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެ އަދަދު 1000 ޑޮލަރަށް ހެދުން.

3. 2026 ގެ ފުރަތަމަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުން.

4. 2025 ޖުލައި މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން.

ރައީސް ވިދާޅުވީ މި ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށާއި، އާންމު ރައްޔިތުންނަށް ޑޮލަރު ލިބުމުގެ ފަސޭހަކަން އިތުރުވެގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button