ޚަބަރުސިޔާސީ

މަޓާޓޯ އިން ބޭނުންވަނީ އިޒްރޭލް ޕާސްޕޯޓް، އެ ގައުމުގެ ވެރިންނަށް މަނާކުރަން!

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ބޭނުންވަނީ އިޒްރޭލް ޕާސްޕޯޓް  އެ ގައުމުގެ އިސްވެރިންނަށް ޓާގެޓްކޮށްގެން މަނާކުރަން ކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ޣިޔާސް ވިދާޅުވެއްޖެއެވެ

ޣިޔާސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ގުޅޭގޮތުން އެ އެސޯސިއޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ)ން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައާ ގުޅިގެން ދިރާސާއެއް ކުރުމަށް ވަގުތު ލިބިފައި ނުވާކަމަށެވެ. އެހެންނަމަވެސް، އެ ޕާސްޕޯޓް މަނާކުރުމަކީ ޖުމުލަގޮތެއްގައި އެ އެސޯސިއޭޝަނުން ތާއީދު ކުރާ ކަމެއްކަމަށެވެ.

އެފަދައިން އިޝާރާތްކުރައްވާ ޣިޔާސް ވިދާޅުވީ ނަމަވެސް އެކަމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ޑުއެލް ޕާސްޕޯޓް ގެންގުޅޭ މީހުންނަކީ ޗެލެންޖެއްކަމަށާއި ރަޝިޔާ މީހުނާއި ފަލަސްތީނުގެ މުސްލިމުން ވެސް އިޒްރޭލް ޕާސްޕޯޓް ގެންގުޅޭތީ މުޅި އިޒްރޭލަށް ޕާސްޕޯޓް މަނާކުރުމަށްވުރެ ރަނގަޅުވާނީ އެ ގައުމުގެ އިސްވެރިންނަށް ޕާސްޕޯޓް މަނާކުރުންކަމަށެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގައި މި މައްސަލައާ ގުޅިގެން މަޓާޓޯއާއެކު މަޝްވަރާކޮށްފައިވާއިރު އެ ކޮމިޓީއަށް އިއްޔެ ވަނީ މޯލްޑިވްސް ގެސްޓް ހައުސް އެސޯސިއޭޝަން ހާޒިރުކޮށްފައެވެ. އެ އެސޯސިއޭޝަނުން ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ބޭނުން ނުވާކަމަށް ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button