ގޭންގް ކުށްތައް ހުއްޓުވުމަށް އައު ގާނޫނެއް އެކުލަވާލަނީ
ގޭންގް ކުށްތައް ހުއްޓުވުމަށް އައު ގާނޫނެއް އެކުލަވާލަނީ
މަސްތުވާތަކެތީގެ ވަބާއާއި ގޭންގު ކުށްތައް ހުއްޓުވުމަށް އަމާޒުކޮށް ދެ މުހިންމު ގާނޫނަކަށް އިސްލާހުތަކެއް ގެންނަން ނިންމައިފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ހުރި ބައެއް އުނިކަންކަމަކީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމަށެވެ.
އެހެންކަމުން މި ސަބަބަށްޓަކައި، މަސްތުވާތަކެތީގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނު މުރާޖަޢާކޮށް، އެ ގާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ޤައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު ޢަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި، އަލަށް އެކުލަވާލަމުންދާ ”ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު“ ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިފަދަ ކަންކަމަށް ދާއިމީ ހައްލު ގެނެއުމަށް ރައްޔިތުން އެއްބާރުލުންދެމުން ގެންދާތީ ޝުކުރު ދަންނަވާފައެވެ.