އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރާ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެމްއޯޔޫގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި އާރުބީއައިގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސް އެވެ.
އެމްއެމްއޭއިން ބުނީ އެ އެމްއޯޔޫއިން ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަ ކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިގުތިސާދީ މާލީ މުއާމަލާތްތައް ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީސް ބޭނުން ކުރަން ބާރުއަޅާ ކަމަށެވެ. އޭގެ އިތުރުން ދެ ގައުމުގެ ވިޔަފާރީތަކުން މުދަލާއި ހިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދިގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
އެ އެމްއޯޔޫގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި މި ދެ ފައިސާ (ދިވެހި ރުފިޔާ-އިންޑިއާ ރުޕީ) ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވޭކަން ވެސް އެމްއެމްއޭއިން ފާހަގަކުރެއްވިއެވެ.