ކާމިޔާބުކަމާއެކީ 25 އަހަރު ގިރާކުރުމުގައި ކުންފުންޏަށް ލިބުނު ރައުސުލްމާލަކީ މުވައްޒަފުން ކަމަށާއި، މުވައްޒަފުންނާއެކު ގޭހުގެ އައު ބާބެއް ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި ކަސްޓަމަރުންނަށް ފެނިގެންދާނެ ކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ މިފަދައިން ވިދާޅުވީ، ގޭހުގެ 25 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނީގެ މާލެ ޑިސްޓްރިބިއުޝަން ސެންޓަރުގައި މިއަދު ހެނދުނު 09:00 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ގޭހުގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ. ކީރިތި ގުރުއާނުގެ ބަރަކާތުން މި ހަފްލާ ފައްޓަވައިދެއްވީ ގޭހުގެ އެމްޑީ އަބްދުﷲ އެވެ. އެއަށްފަހު ހަފްލާ ފެށިގެންދިޔައީ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހުގައެވެ.
އަބްދުﷲ ވިދާޅުވީ، މާލޭގައި އެންމެ ޕިކަޕަކުން ފެށި ކައްކާ ގޭހުގެ ހިދުމަތް ވޭތުވެދިޔަ 25 އަހަރު ފުޅާކުރެވި، ޒަމާނަށް އައި ބަދަލާއެކު އެ މަސައްކަތް ތަރުތީބު ކުރެވިފައިވާ ކަމުގައެވެ. ހާއްސަކޮށް 2000 ވަނަ އަހަރުން ފެށިގެން ތެޔޮ އުނދުން ދޫކޮށް، ކައްކާ ގޭހަށް އުނދުންތައް ބަދަލުވި ހިސާބުން ފެށިގެން އެކުންފުނީގެ ހިދުމަތް ބޮޑުތަކުން ފުޅާކޮށްފައިވާ ކަމުގައެވެ. އެއަށް ފަހު އެސްޓީއޯއިން ގެންނަމުންދިޔަ މެޑިކަލް ގޭސް އެ ކުންފުނިން ގެންނަ ގޮތަށް ހަމަޖެހި، އެއަށްފަހު އެކި ބާވަތްތަކުގެ ގޭހުގެ ހިދުމަތް ފެށިގެންދިޔަކަން އަބްދުﷲ ފާހަގަކުރެއްވިއެވެ. އަދި މިހާރު ކުރިއަށް ގެންދާ ގޭހުގެ ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް އަބްދުﷲ ވިދާޅުވިއެވެ. މިހާރު އެކުންފުންޏަށް ރައްކާކުރެވެނީ ގާތްގަނޑަކަށް އެއް މަސްދުވަހުގެ ގޭހެވެ.
”އެއާއެކު ރާއްޖޭގައި 4 ނުވަތަ 5 މަސްދުވަހުގެ ގޭސް ރައްކާ ކުރެވޭނެ. ގޭހާ ގުޅުންހުރި ތަފާތު ވަސީލަތްތައް ވިއްކުމަށްވެސް ވަރަށް އަވަހަށް ފިހާރައެއް ހުޅުވާނަން. ޒަމާނަށް އައި ބަދަލާއެކު އެއާކޮންޑިޝަން ހުރިހާ ގެއެއް ކަހަލަ ގޮތަކަށް އެބަ ހުރޭ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅު ބަލްކުކޮށް ރާއްޖެއަށް އެއާކޮންޑިޝަނަށް އަޅާ ގޭސް ގެނެސް ލުއި އަގެއްގައި ވިއްކާނަން.“ އަބްދުﷲ ވިދާޅުވިއެވެ.
ގޭހަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯޕަރޭޓު އޮފީހެއްގައި މުވައްޒަފުން މަސައްކަތް ކުރުމަށް އޮންނަ ޖާގަ އިންތިހާއަށް ހަނިވުންކަން ފާހަގަކުރައްވައި އަބްދުﷲ ވިދާޅުވީ، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ 10 ބުރީގެ އައު އިމާރާތް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށް ނިމޭނެ ކަމުގައެވެ.
”ހިދުމަތުގައި އެންމެ ބޮޑު ޝުކުރެއް އޮތީ މުވައްޒަފުންނަށް. ދެން އެސްޓީއޯގެ ބޯޑާއި މި ކުންފުނި.“ އަބްދުﷲ ވިދާޅުވިއެވެ.
ކުންފުންޏެއްގެ އެންމެ ބޮޑު އަސާސަކީ ނުވަތަ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުންކަން ފާހަގަކުރައްވައި އަބްދުﷲ ވިދާޅުވީ، ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން މަސައްކަތުގެ ހާއްސަ ތަމްރީންތައް ދިނުމަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމުގައެވެ. އަބްދުﷲ ފާހަގަކުރެއްވިގޮތުގައި ގޭހަކީ ދައުލަތުގެ އެއްވެސް ދިމާލަކުން ”ލޭ އަޅަން“ ނުޖެހި، ލިބޭ އާމްދަނީން އަމިއްލައަށް ހިންގާ ކުންފުންޏެކެވެ. ކުންފުނީގެ މާލީ ދުޅަހެޔޮކަން ރަނގަޅުކަން ފާހަގަކުރައްވައި އަބްދުﷲ ވިދާޅުވީ، އަންނާން އޮންނަ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް އުޖާލާ އަލިމަގުތަކެއް ފެންނާން އެބަހުރި ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގޭހުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުން ކަމުގައެވެ.
އަބްދުﷲ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުންފުނީގެ ހިދުމަތް ރާއްޖޭގެ ދެކުނުގައި ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ގދ.ތިނަދޫގައި ހުރި 1500 ޓަނުގެ ގޭސް ޓޭންކުން ހިދުމަތް ނުލިބި އޮތް އޮތުން ބަދަލުވެގެންދާނެ ކަމުގައެވެ.
”ރައީސް ވަރަށް ގާތުން ބައްލަވާ. މިހާރު އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ އެތަނުގެ ހިދުމަތް ދެވޭނެގޮތް އިންތިޒާމް ކުރުމަށް. އެކަމަށް އޮތް ގޮންޖެހުންތައް ގިރާކޮށް، އަންނަ އަހަރުގެ ތެރޭގައި އެ ހިދުމަތް ފެށޭވަރުވާނެ.“ އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲގެ ވާހަކަފުޅު ނިންމަވައިލެއްވީ އެސްޓީއޯގެ ބޯޑަށާއި، ގޭހުގެ ބޯޑާއި ހުރިހާ މުވައްޒަފުންގެ އަގު ވަޒަން ކުރައްވައި ޝުކުރު އަދާކުރެއްވުމަށް ފަހުގައެވެ. މި ހަފްލާގައި ގޭހުގެ އައު ވެބްސައިޓް ލޯންޗުކޮށްފައިވާއިރު އަހަރީ ދުވަހުގެ ހާއްސަ ކޭކެއްވެސް ވަނީ ފަޅާފައެވެ.