ޚަބަރު

މިއަހަރުގެ ”އޭޝިއަން އައިކަން އެވޯޑް“ ރާއްޖެއަށް ގެނެސްދިނީ މާނު

އޭޝިއާ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކަށް ދެވޭ ޝަރަފުވެރި ”އޭޝިއަން އައިކަން އެވޯޑް“ މިއަހަރު ހާސިލްކުރެއްވުމުގެ މަތިވެރި ވަނަ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ސިމާނު ހާދީ (މާނު) އަށް ލިބިވަޑައިގެންފިއެވެ.

މިއެވޯޑު ހަވާލުކޮށްދެއްވީ މިހަފްލާގެ ޝަރަފްވެރި މެހެމާން އަދި ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާއެވެ. މިއީ ދިވެހިރާއްޖެއާއި ދައުލަތަށާއި އާންމު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

”އެކްސެލެންސް އިން އިވެންޓް އޯގަނައިޒިންގ އެންޑް ޕަބްލިކް ރިލޭޝަންސް“ ގެ ދާއިރާއިން މި ޝަރަފުވެރި އެވޯޑު ހޯއްދެވި މާނުއަކީ މި ދާއިރާގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފުރިހަމަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އެދާއިރާގެ ގިނަ އިވެންޓުތައް ރާއްވަވައި ހިންގެވުމުގައި މާނުއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މާނުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދެވުނު ފާހަގަކޮށްލެވޭ ހަރަކާތްތަކުގެ ތެރޭގައި، އައްޑޫ ސިޓީގައި ވޭތުވެދިޔަ ތިން އަހަރު ވަންދެން އަޟްޙާ ޢީދުގެ މުނާސަބަތުގައި ބޭއްވުނު ”އައްޑޫ ޢީދި ސަމާ“ އާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުނު ފަންނާނުންގެ ޝޯތަކާއި، ޖަލްސާތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން މުހިންމު ހަރަކާތްތައް ހިމެނެއެވެ.

ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޒުވާން މާނުއަކީ މިހާރުވެސް ރާއްޖޭގެ އެކި ދާއިރާތަކަށް ޕަބްލިކް ރިލޭޝަންސް ކޮންސަލްޓަންސީ ހިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ ގާބިލު ބޭފުޅެކެވެ.

މި ފަދަ މަތިވެރި ޝަރަފެއް ދިވެހި ޒުވާނަކަށް ލިބުމަކީ މުޅި ގައުމަށް ލިބިގެންދިޔަ ފަހުރެކެވެ. އަދި މާނުގެ މި ކާމިޔާބީއަކީ ދިވެހި ޒުވާނުންނަށްވެސް އޮތް ވަރުގަދަ ނަމޫނާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button