ބޭންކެ އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ބީއެމްއެލް) ގެ އިތުބާރު ގެއްލޭ ކަންކަން ނުކުރެއްވުމަށް، ބޭންކުތަކާއި ކުންފުނިތަކުގެ އަގު ވައްޓާލެއްވި ބޭފުޅަކު އަންގަވަނީތޯ ހޯމް މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ސިއްދީގު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސުވާލު ކުރައްވައިފިއެވެ.
މާލީ ބަޣާވާތެއް ގެންނަން އުޅުނު ކަމުގެ ބޮޑެތި ތުހުމަތުތަކެއް ބީއެމްއެލަށް އަމާޒުވުމުން، ސަރުކާރުން އެތަނަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވަނީ އިއްޔެ ޓުވީޓެއް ކުރައްވާފައެވެ. އެކަމާ ގުޅިގެން ސިއްދީގު ވަނީރައީސް ސޯލިހާއި ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ.
އެގޮތުން ބޭންކުގެ ތަކާއި، ކުންފުނިތަކުގެ އަގުވައްޓަވާލެއްވި ބޭފުޅަކީ ރައީސް ސޯލިހު ނޫންތޯ ސިއްދީގު ސުވާލުކުރެއްވިއެވެ.
”މިސްކިތު ހުޅުޖެހިމީހާ ދެއްކި ކަހަލަ ވާހަކަ ދައްކައިގެން، އެފަދަ މީހަކަށް އަމިއްލަފުޅަށް ވެ ވަޑައިގަންނަވަނީތޯ؟
ދެން އިތުރަށް ގައުމު ފަސާދަ ނުކުރެއްވުމަށް މަނިކުފާނަށް އިލްތިމާސް ދަންނަވަން.“ ސިއްދީގު ވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލު ”ބޮންތި“ އާ ހިއްސާކުރައްވަމުން ސިއްދީގު ވިދާޅުވީ ރައީސް ސޯލިހަކީ ފެށުނީއްސުރެ ދިވެހި ދައުލަތުގެ އަދާވާތްތެރިއެއްގެ ގޮތުގައި އާންމުންގެ މެދުގައި މަގުބޫލު ބޭފުޅެއް ކަމުގައެވެ. ހާއްސަކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އައު ސަރުކާރާއި އާންމު ރައްޔިތުންނާއި ޖެއްސުމުގެ ނިޔަތުގައި ރައީސް ސޯލިހު ބީއެމްއެލްގެ ވާހަކަފުޅު ދެއްކެވިޔަސް އެކަން ރައްޔިތުން ގަބޫލު ނުކުރާނެކަން ސިއްދީގު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހަކީ ބަނގުރާ ވިއްކުމުގެ ޓްރެކް ރެކޯޑެއް އޮވެމެ، އެކަން ޝަރީއަތަށް ސާބިތުވި ބޭފުޅެއް ކަމުގައެވެ.
”ވެރިކަން ނިންމަވައިލެއްވީ ދިވެހި މަސްކަނޑު ވެސް ވިއްކާލާފަ ނޫންތޯ. ދެން ކޮން ބެންކެއްގެ ވާހަކަ ތޯ މި ދައްކަވަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ކަމަށް ހިތާ. އެމަނިކުފާނުގެ ދުއްތުރާ ނުޖެހެނީ ކޮން ރައްޔިތަކަށް ތޯ.“ ސިއްދީގު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލްއަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމުގައެވެ. އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއް ކަމަށާއި، ސަރުކާރުންވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލިއްޖެނަމަ އެއީ މުޅި މުޖަތަމައަށް ލިބޭނެ ބޮޑު ދެރައެކެވެ. އެއީ ރައްޔިތުންގެ ބޭންކްއެވެ.“ ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުން އަންނަނީ ބީއެމްއެލްގެ ހިންގުން ހަރުދަނާ ކުރުމަށް ތައުލީމީ ގާބިލް ބޯޑެއް އެކުލަވާލުމުގެ ބުރަ މަސައްކަތް ކުރަމުންނެވެ.