ދިވެހިރާއްޖެއިން ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށާއިރު، މުދަލުގެ ހިނަ ބާވަތްތަކުން ޑިއުޓީ ނުނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވިދާޅުވީ ޗައިނާ ސަރުކާރާ އެކު ކުރި މަޝްވަރާތައް ނިމި، އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެފްޓީއޭއަށް އަމަލުކުރަން ފަށާނެ ކަމުގައެވެ.
ޗައިނާގެ މަރުކަޒީ ބޭންކާއި ސަރުކާރާއި ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ޔެން އަދި ރުފިޔާއިން ކުރެވޭ އެއްބަސްވުމުގެ ދަށުން، އެގައުމުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސަންޓު ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭކަން ސައީދު ފާހަގަކުރެއްވިއެވެ.
”ޑިއުޓީ ނުދައްކައި، ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭ ގޮތް ވީމާ ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ. ޗައިނާއިން މިހާރު އަހަރަކު 700 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ މުދާ އެބަ އެތެރެކުރޭ. މި އެއްބަސްވުމާ އެކު މި 700 މިލިއަން ޔޫއެސްޑީ (ޑޮލަރު) ބޭނުންނުކޮށް މުދާ އެތެރެކުރެވޭނެ.“ ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މަހުގެ ބާވަތްތަކުން، ސުން ޕަސަންޓު ޑިއުޓީގައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެއެވެ. އޭގެތެރޭގައި، ދިވެހި މަހުގެ 296 ބާވަތެއް ހިމެނޭނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
”މިސާލަކަށް އެހެން ގައުމުތަކުން ޑިނގާ ފަދަ ބާވަތްތައް ރާއްޖެއަށް ގެނެސްގެން ވެލިއު އެޑްކޮށް، ޗައިނާއަށް ސުން ޕަސެންޓު ޑިއުޓީގައި ރީއެކްސްޕޯޓް ކުރުމުގެ ދޮރު ހުޅުވިގެންދާނެ.“ ސައީދު ވިދާޅުވިއެވެ.
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން މަޖިލީހުން ރުހުން ދިން ނަމަވެސް، އޭގެ ފަހުން އައި އެމްޑީޕީ ސަރުކާރުގައި އެއްބަސްވުން މުރާޖައާ ކުރަން ނިންމިއެވެ. އެކަމަކު އޭރު އެ އެއްބަސްވުމަށް އަމަލެއް ނުކުރެއެވެ.