ޚަބަރުސިޔާސީ

އީސަގެ ތުހުމަތު: ޕީއެންސީ މެންބަރުންނަށް ހޯމް މިނިސްޓްރީއިން ދަނީ ފާރަލަމުން

ވެރިކަން ހިންގާ ޕާޓީ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފައިސާ ދެއްވާ ވާހަކަ އެބޭފުޅުން ގާތު ދެއްކެވި ޕީއެންސީ މަޖިލިސް މެންބަރުން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ ކުރީގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ފަރާތްޕުޅުން ރިޝްވަތުގެ ގޮތުގައި ލިބޭ ފައިސާ ނުނަންގަވާ ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާކަން ފާހަގަކުރައްވައި އެމްޑީޕީން ގެނެސްދޭ ”ހަވަރުބެރު“ ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އީސާ ވިދާޅުވީ، އެވާހަކަތައް ހިއްސާ ކުރެއްވީ އެ މެންބަރުން ކަމުގައި ވިދާޅުވެފައެވެ. އެކަމަކު އެއީ ކޮން މެންބަރުންނެއް ކަމެއް އީސަ ވިދާޅެއް ނުވެއެވެ.

”އަޅުގަނޑުމެންނަށް ވަރަށް ސާފު ސުވާލެއްވެސް ނެތް މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އެކަން އެބަ ކުރައްވާކަން. ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ރިޝްވަތު އެބަ ބަހާކަން. އަނެއްކާ އެ މައުލޫމާތުތައް ޕީޕީއެމް މެންބަރުންގެ ތެރެއިން އަޅުގަނޑުމެނާ ހިސާބަށް އަންނާތީ ރައީސުލްޖުމްހޫރިއްޔާ ހޯމް މިނިސްޓަރަށް އަންގަވައިގެން މިހާރު އަމިއްލަ ޕާޓީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ފާރަލާން ފަށައިފި.“ އީސަ ވިދާޅުވިއެވެ.

އެގޮތުން ޕީއެންސީގެ ބައެއް މެންބަރުންނަށް ބިރު ދައްކައި، ޖާސޫސް ކުރަމުން އަންނަ ކަމުގައި އީސަ ވިދާޅުވިއެވެ.

ރައީސް މުއިއްޒު އަަދި ސަރުކާރަށް އަމާޒުވެފައިވާ މި މައްސަލައާއު ގުޅޭގޮތުން އަދަދު ނޫހުން ވަނީ ހާއްސަ ވީޑިއޯ ރިޕޯޓެއް ގެނެސްދީފައެވެ. އެ ރިޕޯޓުގައި ޖުމްލަކޮށް އެނޫހުން ގެނެސްދީފައިވަނީ ޕީއެންސީގެ މެންބަރުންނަށް ކޮންމެ މަހަކު50،000 (ފަންސާސް ހާސް ރުފިޔާ) ރައީސް މުއިއްޒު ދެއްވާ ކަމެވެ. އެހެން ނަމަވެސް އެފަދަ މުއާމަލާތެއް ހިނގާކަމުގެ އެއްވެސް ފޫޓޭޖެއް ނުވަތަ ހެއްކެއް އެ ރިޕޯޓުގައި ގެނެސްދެވިފައެއް ނުވެއެވެ. މައިގަނޑުގޮތެެއްގައި ރިޕޯޓުގައި ހާމަކޮށްފައިވަނީ ކަޅު ދަބަހެއްގެ ވާހަކައާއި ޕީއެންސީ ބައެއް މެންބަރުން އެމައުލޫމާތު ދެއްވާ ކަމެވެ. އެކަމަކު އެއީ ކޮން މެންބަރުންނެއް ކަމެއް ނުވަތަ އެވާހަކަތަކަށް ބާރުދޭ އިތުރު ކަންތައްތަކެއް ހޯދިފައެއް ނުވެއެވެ. އަދި އެ ރިޕޯޓާއި ގުޅިގެން އެ ނޫހަށް ވަނީ ސަރުކާރަށް ތާއީދު ކުރާ ވަރަށް ގިނަ ފަރާތްތަކުގެ ނުރުހުން އަމާޒުވެފައެވެ.

މީގެ އިތުރުން ސަރުކާރުން އެކަން ވަނީ ދޮގުވެސް ކޮށްފައެވެ. އަދި އެނޫހާއި ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button