ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް ޢަމަލުކުރަން ފެށުމުން ވިޔަފާރިތަކާއި ޢާންމުންނަށް ވެސް މިހާރަށްވުރެ އިތުރު ގިނަ ފައިދާތަކެއް ލިބިގެންދިއުމަށް މަގު ފަހިވެގެންދާނެކަމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ވަލީދު މިހެން ވިދާޅުވީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުންނެވެ.
ހީނާ ވިދާޅުވީ މިހާރުވެސް ރާއްޖެއާ ޗައިނާއާ ދެމެދު 700 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވޭކަމަށާއި ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް ޢަމަލުކުރަން ފެށުމުން ރާއްޖެއަށް ލިބިގެންދާނެ އިތުރު ފައިދާތަކުގެ ތެރޭގައި ދެޤައުމުގެ ފައިސާ ބޭނުންކޮށްގެން ކަރަންޓް އެކައުންޓް މުއާމަލާތްތައް ކުރުވިގެންދާނެ ކަމުގައެވެ. ސީދާ އިންވެސްޓްމަންޓްތައް ހިންގުމަށް ބާރުލިބިގެންދިއުމާއި ދިވެހިންނަށް ދަތުރުފަތުރު ކުރުމުގަ އާއި މުދާގަތުމާއި އަދި އެހެން ބައެއް ޚިދުމަތްތައް ލިބިގަތުމުގައި ޑޮލަރުން ފައިސާ ނުދައްކައި ދިވެހި ރުފިޔާއިން އެކަންކަން ކުރެވޭގޮތަށް މަގުފަހިވުންފަދަ ފައިދާތައް ހިމެނޭނެކަން ހީނާ ފާހަގަކުރެއްވިއެވެ.
މިއާއެކު ދަތުރުފަތުރާއި ވިޔަފާރިފަދަ ކަންކަމުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.