ޚަބަރުސިޔާސީ

ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ މައުލޫމާތު މާރިޔާއަށް ދެ ދުވަސް ކުރިން އެނގޭ: ރިޕޯޓު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާހެ އިންކުއަރީ ރިޕޯޓުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ފަރުވާ ކުޑަކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއިން އެކުލަވައިލި މި ރިޕޯޓުގައި ވާގޮތުން ނަޝީދަށް ބަޔަކު ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތެއް އާންމުންގެ މީހަކު (ކާކުކަމެއް ނޭނގޭ) ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް މެއި މަހުގެ 3 ވަނަ ދުވަހުގެ ރޭ ލިބިގެން އޭނާ ވަގުތުން ނަޝީދަށް ދެންނެވި އެވެ. އިލްޔާސް ލަބީބު ވިދާޅުވިގޮތުގައި ނަޝީދު ވަނީ އެ މައުލޫމާތު މިނިސްޓަރ މާރިޔާއަށް ދިނުމަށް އިރުޝާދު ދެއްވާފައެވެ.

ނަޝީދުގެ އިރުޝާދާ އެއްގޮތަށް އިލްޔާސް ލަބީބް މާރިޔާއަށް ގުޅުއްވުމުން ކަންތައް ވީގޮތް

މެންބަރު އިލްޔާސް މެއި މަހުގެ 3 ވަނަ ދުވަހުގެ ރޭ މާރިޔާއަށް ގުޅުއްވުމުން ޖަވާބެއް ނުދެއްވައެވެ. އެކަމަކު ޖެހިގެން އައި ދުވަހުގެ ހެނދުނު މާރިޔާ އިލްޔާސަށް ގުޅުއްވިއެވެ.

”އަޅުގަނޑު ދެންނެވިން، ރައީސް ނަޝީދު ދުއްވާލަންވެގެން ހަރުކަށި ފިކުރުގެ ބަޔަކަށް ޓާސްކު ދީފިއޭ، މިހާރު އެމީހުން އެ ޓާސްކު ނަގައިފިއޭ. އަޅުގަނޑުގެ ރައްޓެއްސެކޭ މި މައުލޫމާތު ދިނީ. އަޅުގަނޑާ ބައްދަލުކޮށްފަވެސް މި ވާހަކަ ދެއްކިއޭ. އެމީހުން ޓާސްކު ނެގީ 3 މިލިޔަން ޑޮލަރަށް ކަމަށްވެސް ދެންނެވިން.“ އިލްޔާސް ލަބީބު ވިދާޅުވެފައިވެއެވެ. 

އިލްޔާސް ވިދާޅުވިގޮތުގައި ނަޝީދަށް ހަމަލާއެއް ދޭން ރާވާ މީހުން އޭރު ގެންދިޔައީ އެޑްްވާންސް ފައިސާ ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އިންކުއަރީއަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަން އިލްޔާސް ވިދާޅުވިކަމަށެވެ.

”އިލްޔާސް ވިދާޅުވީ ރައީސް ނަޝީދު މަރާލަން އުޅޭކަމަށް އޭނާ ގާތު މީހަކު ބުންޏޭ. އަޅުގަނޑު ދެންނެވިން ތިވާހަކަ ފުލުހުންނާ ހިއްސާ ކުރައްވާށޭ. ތިއީ ޖިނާއީ ކަމެކޭ. ރައީސަށް ބައްލަވައްޗޭވެސް އިލްޔާސް ވިދާޅުވި. ދެން އެ ނިމުނީ.“ މާރިޔާ ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަން އެމްއެންޑީއެފްގެ އިންޓެލިޖެންސާއި މާރިޔާ ހިއްސާ ނުކުރައްވާ

ނަޝީދު އަވާހަރަކޮށްލަން އުޅޭކަން އިލްޔާސް މާރިޔާއަށް ދެންނެވިކަމުގައި ވީނަމަވެސް އެ މައުލޫމާތު ޑިފެންސް އިންޓެލިޖެންސް ސަރވިސް އާއި ހިއްސާ ނުކުރައްވާ ކަމަށް މާރިޔާ އިންކުއަރީގައި ވިދާޅުވިއެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސްގެ އިތުރުން ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ފަރާތުންވެސް އިންކުއަރީގައި ބުނެފައިވަނީ އެކަހަލަ އެއްވެސް ވާހަކައެއް މާރިޔާ ހިއްސާ ނުކުރައްވާ ކަމަށެވެ.

”އިލްޔާސް ލަބީބު ދެއްވީ މައުލޫމާތެއް ނޫން. އެއީ ފޯނު ކޯލެއް. މައުލޫމާތެއްގެ ކަމަށް ބަލައިގަނެވޭނީ މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ގޮތެއް އޮވެގެން.“ މާރިޔާ ވިދާޅުވެފައިވެއެވެ.

އިންކުއަރީ އިން ގަބޫލުކުރާގޮތުގައި އެއީ އެމްއެންޑީއެފްގެ ކަމާއިބެހޭ ފަރާތްތަކާއި މާރިޔާ ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވާ މައުލޫމާތެކެވެ. އަދި އެފަދަ މައުލޫމާތެއް ލިބުނުއިރު ނަޝީދުގެ ތްރެޓް ލެވެލް ވަނީ ”ކްރިޓިކަލް“ ނުވަތަ ހާއްސަ ސަމާލުކަމެއް ދީގެން އެމަނިކުފާނުގެ ސަލާމަތާ ރައްކާތެރިކަމަށް ފާރަވެރިވާންޖެހޭ ހާލަތުގައެވެ. އެކަން މާރިޔާވެސް ގަބޫލު ކުރެއްވިއެވެ.

ނަޝީދުގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއްގައި މާރިޔާ އަމަލު ކުރެއްވީ ޕްރޮޓޮކޯލާއި ހިލާފަށް

އެމްއެންޑީއެފްގެ ފަންނީ ތަޖުރިބާކާރުން އިންކުއަރީއަށް މައުލޫމާތު ދިން ގޮތުގައި ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވާ ފަރާތަކާއި ގުޅޭގޮތުން ލިބޭ މައުލޫމާތަކީ އަޅާ ނުލާ ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސް މައްސަލައެކެވެ.

”އެކަހަލަ ތްރެޓެއް އޮތް މައުލޫމާތެއް ލިބިއްޖެއްޔާ، އެ މައުލޫމާތު އިންޓެލިޖެންސަށް އައުމަކީ އެންމެ ރަނގަޅު ގޮތް.“ ފަންނީ މާހިރުން ވިދާޅުވެފައިވެއެވެ.

241 ކޮމެޓީއިން ގަބޫލުކުރާގޮތުގައި އެފަދަ މައުލޫމާތެއް ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި ހިއްސާ ކުރެވެން ޖެހެއެވެ. އަދި އިންކުއަރީއަށް މައުލޫމާތު ދިން ފަންނީ މާހިރުން އިއްތިފާގުވިގޮތުގައި މެންބަރު އިލްޔާސް ލަބީބު ދެއްވި މައުލޫމާތަކީ އިންޓެލިޖެންސް މައުލޫމާތެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ”އިންޓެލިޖެންސް ސައިކަލް“ އަށް ލުމަށް ފަހުގައެވެ.

ހަމަލާއެއް ދީފާނެ ކަމުގެ މައުލޫމާތު މާރިއާ ސިއްރު ކުރީ ކީއްވެ؟

ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަން މިނިސްޓަރ މާރިޔާ އެއްވެސް ފަރާތަކާ ހިއްސާ ނުކުރެއްވީ ކީއްވެތޯ އިންކުރަރީން ސުވާލު ކުރުމުން އެކަމަނާ ވިދާޅުވީ، ނަޝީގެ ސެކިއުރިޓީ ހަމަޖެހިފައިވާގޮތް ބެއްލެވި ކަމަށެވެ. އެގޮތުން ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އާއި ބައްދަލު ކުރައްވައި، ނަޝީދުގެ ސެކިއުރިޓީ ހުރި ނެތް ގޮތް ބެއްލެވިކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ސެކިއުރިޓީ ”ވަރުގަދަ“ ކޮށްފައި އޮތުމުން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން އެ މައުލޫމާތު ނުދެއްވީކަމަށް މާރިޔާ ވިދާޅުވިއެވެ. މިކަމާގުޅިގެން 241 ކޮމެޓީއިން ބުނީ ނަޝީދުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް އިތުރަށް ކުރެވޭނީ ކޮންކަމެއްތޯ ނިންމާނީ އެމްއެންޑީއެފްގެ ކަމާބެހޭ ފަންނީ ބޭފުޅުންކަމަށެވެ.

ކޮމެޓީ މެންބަރުން ދެކެވަޑައިގަންނަވާގޮތުގައި އެ މައުލޫމާތަކީ މާރިޔާ ސިއްރު ކުރަން ޖެހޭވަރުގެ މައުލޫމާތެއް ނޫނެނެވެ. ނަޝީދަށް ހަމަލާ ދިން ދުވަހުގެ ރޭ އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު އިރު، އެމްޑީޕީ ގިނަ މެންބަރުންތަކެއް އެ ހޮސްޕިޓަލަށް އެއްވިއެވެ. އަދި ނަޝީދަށް ދެވުނު ހަމަލާގައި މިނިސްޓަރ މާރިއާގެ އިހުމާލު އޮތްކަމަށް ބުނެ އެކަމަނާގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button