ކޮލަމް

ވޯރާއިންގެ ދޮލަނގު ކުޅިގަނޑަށްވުރެ ނާސިރު ހުށިއާރު!

ވޯރާ ވިޔަފާރިވެރިން ރާއްޖެ އައިސް މާލޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ދިނީ އައްސުލްތާނު މުހައްމަދު އިމާދުއްދީން 4 ވަނައެވެ. އެއީ އަތިރީގެއާއި ކަކާގެ ކޯޅުމުގެ ތެރެއިންނެވެ. އިންޑިއާ ވޯރާއިންނަކީ މަކަރާ ކައިގެން ޖަހައިގެން ތިބި ބަޔަކަށް ވުމުން އިސާހިތަކު މުޅި އިގްތިސާދުގައި ވަކި ހިއްޕާލިއެވެ.

އެއީ ދިވެހިންގެ ތެރޭގައި ލިޔަން ކިޔަން ދަންނަ ޒަމާނެއް ނޫނެވެ. ނުވަތަ ވިޔަފާރި ދަންނަ ޒަމާނެއްވެސް ނޫނެވެ. އެކަމަކު ވޯރާއިންނަށް ބޮޑު މަންޒަރު ފެނެއެވެ. އެ ދިޔަ ބާރު މިނުގައި ދައުލަތުގެ އިގްތިދާސީ ސިޔާސަތުގައި ބުޅި އަޅުވައި ދަމަން ފެށިއެވެ. އެއާއެކު އެވެރިން 105 އަހަރު ވަންދެން ރާއްޖޭގެ އިގްތިސާދުގައި ރަސްކަން ކުރިއެވެ. އިންޑިއާ ވޯރާއިން ތިބީ ބޮޑުންނަށް ދޮލަނގު ދީގެންނެވެ. ކަކާގެ އާއިލާއިން ވިޔަފާރީގެ ގުޅުން ބާއްވަމުންދާ ވޯރާއިންގެ ޖީވަންޖީ ކުންފުންޏަށްވުރެ ބިޔަ ކުންފުންޏެއް ކަމަށްވާ ކަރީމްޖީ ޖައުފަރީ ކުންފުންޏާއި އަލީ ދޮށިމޭނާ ކިލެގެފާނު ގުޅާލެއްވުމާއި އެއްގަމުގޭ ބޭފުޅުން އެމްއެސް ހިބަތުއްލާބަހީ ކުންފުންޏާ މާވަރަކަށް ގުޅާލައިގެން އުޅުމަކީ މިކަމުގެ ހެއްކެވެ. އެއީ ދިވެހިންގެ މާލީ ތަނަވަސްކަން ދަށް ދުވަސްވަރެކެވެ. ސަރުކާރުގެ ހަރަދުތައް ބޮޑު ދުވަސްވަރެކެވެ. އިސާހިތަކު ދިވެހިންނާއި ސަރުކާރު ވޯރާ ފިހާރަތަކުގެ ދަރަނި ފޮތުން ނެއްޓޭނެ ގޮތެއް ނުވިއެވެ. ކަރީމްޖީ ޖައުފަރީ ކުންފުންޏަށް ސަރުކާރުވެސް އޮތީ ލައްކައެއްހާ ރުފިޔާއަށް ދަރައެވެ. ދިގު ފިހާރައިން ފެށި ވިޔަފާރި ކުޅިގަނޑު ހުއްޓުވުމުގެ މަސައްކަތް ޝަމްސުއްދީން ރަދުންނާއި އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނާއި މުހައްމަދު އަމީން ކުރެއްވިކަން ތާރީޚުން ފެންނަން އެބައޮތެވެ. އޭގެ ބައެއް ކަންކަން ކާމިޔާބު ވި ނަމަވެސް މުޅި މިޝަން ”ޗޮކުން“ ދިޔައީއެވެ.

ބާރު ހޯދުމަށް ވޯރާއިން ފުރަތަމަ ޖެހި މަޅި

އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެފާނަކީ އެއް ހަމައެއްގައި ފިޔަވަޅު އަޅަމުން އައި ދެބޭފުޅުންނެވެ. އެހެން ނަމަވެސް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވާހާރަވުމުން އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނަށް ބާރުތައް ލިބުނީ ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނެ ހެނެވެ. ވޯރާއިންގެ ތެރޭގައި ޝީއީ މުސްލިމުން ބަޔަކު ތިއްބެވެ. މިވެރިން މިސްކިތެއް ނޭޅިގެން ކުރި ޝަކުވާތަކަށް އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ގޮތެއް ހައްދަވައި ދެއްވިއެވެ. އެ ހިސާބުން ވޯރާއިން މިސްކިތެއް އަޅަން ބިމެއް ދަމައިގަނެ އެ ބިމުގެ ކުރިމަތިން ގޯއްޗެއް ދަމައިގަތެވެ. އެއީ މިވެރިން ޖަމާއަތް ހަދައިގެން ކޭންގަނޑު ހަދަން ހޯދި ބިމެކެވެ. އެއީ މިހާރުގެ އެސްޓީއޯ ޓްރޭޑް ސެންޓަރެވެ. އެސްޓީއޯ ކައިރިން ފެންނަ އެހެރަ ބަންޑާރަ މިސްކިތަކީ އެމީހުން 1927 ގައި ބިނާކުރި ބުންބާ މިސްކިތެވެ.

ކޮންމެއަކަސް އެ ބިމުގައި ތިން ފިހާރަގެ އަޅައި، ތިން ފިހާރަ ކެއްކުން ގަނޑު ކައްކަން ފެށިއެވެ. މި ކެއްކުން އޮންނަ ގޮތަކީ ކޮންމެ މުހައްރަމް މަހެއްގެ 1 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާ ހަމައަށް ”ހެއްސަށް“ ކެއްކުމެވެ. ކުކުޅާއި، ބަކަރި ރިހައާއި، މުގު ރިހައާއި، ކޯރާ ހަނޑުލުގެ ބަތާއި، ފޮނި ކާ އެއްޗެހި ތައްޔާރުކޮށް ބޮޑު ދޮލަނގަށް އަޅައި ވެރިންގެ ގޭގެއަށް ފޮނުވުން އެހާ ހިސާބުން ފެށުނީއެވެ. ވެރިން މި ކައިގެން ތިބެނީ ވޯރާއަށް ”މުންޑު“ ދޭ ހިސާބަށް އެވެރިންނަށް ގޮސް ހުސްވެފައެވެ.

މަޖިލީހުގައި ވޯރާ ކޮމިއުނިޓީގެ މެންބަރެއް

އޭރު ނަގަރިއާ ފިހާރައިގެ ބޮޑު ސޭޓު ނަގަރިއާ ހަސަން ބަހީ ނުވަތަ ނަގަރިއާ ހަސަން ކަލޭގެފާނަކީ ވޯރާއިންގެ ”ދާދާ“އެވެ. އޭނާ އަކީ ވޯރާ ކޮމިއުނިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައި ހުންނަ މެމްބަރެވެ. މިފްކޯ ރިޒާ ވިދާޅުވިގޮތުގައި ކަލޭގެފާނަކީ ރައްޔިތުންގެ މަޖިލީހަށް ހާއްސަ ނަމެކެވެ. ވޯރާއިން ދިޔައީ ދޮލަނގުގެ ރަހައިން ވެރިންގެ ހިތްތައް ކިލަނބުކުރަމުންނެވެ. ވެރިކަން ފުރެޅެމުން ދިޔައެއް ކަމަކު އެވެރިންގެ ދޮލަނގުގެ ބައި ދިޔައީ ކުރިއަށެވެ. އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދެ ބޮޑު ދޫކޮށްލެއްވިއެވެ. އެއީ ބޮޑުވަޒީރުކަމުންނާއި ބޮޑު ބަނޑޭރިކަމުންނެވެ. ރައީސް އަމީންގެ ފިލްމުވެސް ނިމިގެން ދިޔައެވެ. ތާރީހީ ލިޔުންތެރިންނާއި އަދީބުންގެ ފޮތްތަކުން ދެން ފެންނަން އޮތީ ފަސް އިބުރާހީމުގެ ކޮމެޓީގެ ދުވަސްވަރެވެ.

ދައުލަތް ފަސް ވަރަކަށް އިބްރާހިމަށް ބަލަދު އެރިއިރު ކޮމެޓީގައި އިސްކޮށް ތިއްބަވަނީ އިބްރާހިމް ފާމްލަދޭރި ކިލެގެފާނާއި ވެލާނާގޭ އިބްރާހިމް ދީދީ އެވެ. ”ފަސްއިބްރާހީމޭ“ ކިޔަނީ އިބްރާހިމް ފާމްލަދޭރި ކިލެގެފާނާއި ވެލޭނާގެ އިބްރާހިމް ދީދީ އާއި އިބުރާހިމް ހަސަންދިދީ އާއި އިބުރާހިމް ފަރީދު ދީދީ އާއި ޝޭހު އިބުރާހިމް ރުޝްދީގެ މައްޗަށް އެ ކޮމެޓީ އޮތުމުން ކަމަށް ތާރީހު ލިޔުއްވާ ބޭފުޅުން ބުނެއެވެ. ވޯރާއިންގެ ދޮލަނގު ކުޅިގަނޑު ދިޔައީ ހަމަ ކުރިއަށެވެ. ކުރުކޮށް ބުނާނަމަ ވެރިކަމުގެ ކޮއިލު ބަދަލުވަމުން ދިޔަނަމަވެސް ވޯރާއިން ދިޔައީ ”ޖޯންރާ“ ބަދަލުކޮށް ހަމަ އެއް ލަވައެއް ކިޔަމުންނެވެ.

ރައީސް ނާސިރަށް ތިން ފިހާރާ ކެއްކުން ކަމަކު ނުދިޔަ

މިހެން އައިސް ވެލާނާގެ އިބްރާހީމް ނާސީރާ ހަމަޔަށް އައުމުން ބޮޑު ދޮލަނގު ކުޅިގަނޑު މައިތިރިވިއެވެ. ވެލާނާގެއަށް ބޮޑު ދޮލަނގު ފޮނުވުމުން އައި ކޮޅަށް ސައްޕެއް ޖަހާފައި ފޮނުވާލުމަށް ރައީސް ނާސިރު ސެކްރެޓަރީއަށް ދެންނެވިއެވެ. ނަގަރިޔާ ހަސަން ކަލޭގެފާނު ހިތް ނުހުއްޓުނީ ކިރިޔާއެވެ. މުންޑު އަންބޮޑިއަށް ޖަހައި، ދުވެފައިގޮސް ނާސިރާ ބައްދަލުކުރަން ދިޔުމުން ބައްދަލުވީ ސެކްރެޓަރީއާއެވެ. ދޮލަނގުން ފަރިއްކުޅުއްވައި ފާތިހާ ކިޔަވަން ނާސިރަށް ދަންނަވަން އޭނާ ގާތު ބުންޏެވެ. ނާސިރަށް ފާތިހާ ކިޔަވަން އެނގިވަޑައިގެންނެވި ކަމަކަށް ވެސް ނުވިއެވެ. ސެކްރެޓްރީ ދުވެފައި ގޮސް ނަގަރިޔާ ހަސަން ކަލޭގެފާނަށް ދެންނެވިއެވެ.

”ވިދާޅުވިއޭ. ބާޒާރުމަތީ އުޅޭ ފަގީރުން އެއްކޮށްފައި ދޮލަނގު އެއްކޮށް ކާލާފައި އެވެރިންގާތު އަލް ހަމްދު ކިޔަން ބުނާށޭ. މިގެއަށް ތި ފޮނުވުމަށްވުރެ އެމީހުންނަށް ތި ދިނަސް މާ ރަނގަޅުވާނޭ“

އެއާއެކު ދޮލަނގު ކުޅިގަނޑު ނިމިއްޖެއެވެ. ތިން ފިހާރަގޭގައި ކައްކަމުން ދިޔަ ތިން ފިހާރަ ކެއްކުމުގެ ހުޅުކޮޅު ނިވުނީއެވެ. ގަލޮޅުގޭ އަލީ ދޮށިމޭނާ ކިލެގެފާނުގެ ވިޔަފާރި ފުނޑާލައި، ސިޔާސީ ބާރު ކަނޑުވާލުމަށް ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނު އަޑީގައި ހުންނަވައިގެން ވޯރާއިން ގެނައުމުގެ ހިތި ނަތީޖާގެ ސަބަބުން ވޯރާއިންގެ ދަރަނި ހަލާސްކޮށް ނިމުނީ 1975 ވަނަ އަހަރުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button