ޚަބަރު

ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް މޭޔަރ މުޢިއްޒު ފައްޓަވައި ދެއްވައިފި

ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް މާލެސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ފައްޓަވައި ދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ ޢަލީއާއި ކައުންސިލަރުންގެ އިތުރުން ސިޓީ ކައުންސިލްގެ ވެރިންނާއި މުއައްޒަފުން އަދި ވިލިމާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ ރޭ ފެށިގެން ދިޔަ ބަގީގެ ޚިދުމަތް ފުރިހަމަ ގޮތުގަ ގެންދިޔުމަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށެވެ. އަދި މި ޚިދުމަތް ފޯރުކޮށްދެއްވުމަކީ ކައުންސިލަށް އައު ކަމެއްކަމާއި، ފަށައިގަންނަ އިރު އުނި ސިފަތަކެއް ހުރުން އެކަށީގެން ވާކަމަށާއި، އެކަމަކު ރައްޔިތުންގެ ޚިޔާލާއި އެއްބާރުލުމާއި އެކު ކާމިޔާބުކަމާއި އެކު ޚިދުމަތް ކުރިއަށް ގެންދެވޭނެކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިއީ ފެށުމެއްކަމަށާ، ވިލިމާލޭގެ ރައްޔިތުންނަށް ބޭނުން ޚިދުމަތްތައް ހަމަޖެއްސުމުގެ މަސައްކަތް އެއްވެސް ތަފާތެއްނެތި ފޯރުކޮށްދެއްވުމަށް ސިޓީ ކައުންސިލުން މަސައްކަތްކުރައްވަމުން ދާނެކަމަށެވެ. އަދި ކުރިއަށް އޮތީ މާ އުފާވެރި ދުވަސްތަކެއްކަމަށާ، އިތުރު ކުރިއެރުން ވިލިމާލެއަށް ލިބިގެންދާނެކަމުގެ އުންމީ ބޮޑުކަމަށެވެ.

މިއީ ފެށުމެއް، ވިލިމާލޭގެ ރައްޔިތުންނަށް ބޭނުން ޚިދުމަތްތައް ހަމަޖެއްސުމުގެ މަސައްކަތް އެއްވެސް ތަފާތެއްނެތި ފޯރުކޮށްދެއްވުމަށް ސިޓީ ކައުންސިލުން މަސައްކަތްކުރަމުން ދާނަން

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ ޢަލީ ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް ބޮޑު ފަސޭހަކަމެއް މިޚިދުމަތުގެ ސަބަބުން ލިބިގެންދާތީ އުފާކުރާކަމަށާއި، އެކަމަށްޓަކައި މާލެ ސިޓީގެ މޭޔަރއަށް ޚާއްސަކޮށް ޝުކުރު ދަންނަވާކަމަށެވެ.

މި ރަމަޟާން މަސް ނިމެންދެން ކައުންސިލުން ބަގީގެ ޚިދުމަތް ރައްޔިތުންނަށް ދެނީ ހިލޭއެވެ. ނަމަވެސް އެއީ ޕްރައިވެޓް ހަޔާ ފިޔަވައެވެ. ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް ނަގަން ކައުންސލުން ނިންމާފައިވަނީ 2ރ. އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެއެވެ.

ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ

6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ

12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ އެވެ.

ބަގީގެ ޚިދުމަތަށް އެދިލެއްވުމަށް ގުޅުއްވާނީ 7240505 އަށެވެ. އަދި އޮންލައިންކޮށް ބަގީގެ ޚިދުމަތަށް އެދިލައްވާނީ https://villibuggy.malecity.gov.mv/ އަށް ޒިޔާރަތް ކުރައްވައިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button