ރިޕޯޓްސިޔާސީ

ދިވެހިރާއްޖެ ޑިމޮކްރަސީގެ ޅަފަތުގައި ޅަ އިހަލަކުން އެޅީބާ؟

ޑިމޮކްރަސީގެ ފުރިހަމަ މާނައަކީ މީހުން ދިރިއުޅުމަށް ބޭނުންވާ ގަވާއިދުތަކާއި، ގާނޫނުތަކާއި، ހުކުމްތަކާއި، އުޅެންވީގޮތްތަށް އެބަޔަކު އަމިއްލައަށް ކަނޑައެޅުމެވެ. އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަން މި ބަސް މާނަ ކުރެއްވީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އުފައްދާ ސަރުކާރުގެ ގޮތުގައެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެވެސް ޑިމޮކްރަސީ ބަލައިގަނެ، ޑިމޮކްރަސީ އަށް އަމަލު ކުރަން ފެށިތާ 15 ވަރަކަށް އަހަރު ވެދާނެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭގެ ސަބަބުން ރައްޔިތުނަށް އެތަކެއް ފައިދާ ތަކެއް ލިބިގެން ދާތީއެވެ. އެތަކެއް ބާރެއް ރައްޔިތުންނަށް ލިބިގެންދާތީ އެވެ.

މިއަދު އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ މި ކުޑަކުޑަ ރާއްޖެއަށް ޑިމޮކްރަސީގެ ހަގީގީ ފޮނި މީރުކަން ލިބޭބާވައެވެ؟ ޑިމޮކްރަސީގެ ސަބަބުން އަޅުގަނޑުމެންގެ ގައުމު ކުރިއަށް ދިޔައީ ކިހާ މިންވަރަކަށް ބާވައެވެ؟  ޑިމޮކްރަސީގެ ޅަފަތުގައި އަޅުގަނޑުމެންނަށް ހާސިލު ކުރެވުނީ ކިހާ މިންވަރެއްބާވައެވެ؟

ހިތާމަޔާއެކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ޑިމޮކްރަސީގެ ސަބަބުން ލިބުނު ފައިދާ ތަކާ އެއްވަރަށް ގެއްލުން ވެސް އަޅުގަނޑުމެންގެ މި ގައުމަށް ވެފައި ވާކަމެވެ. ގައުމު ބައިބައި ކުރުވި އެއްޗަކަށް ޑިމޮކްރަސީ މިވަނީ ވެފައެވެ. ޑިމޮކްރަސީގެ ނަމުގައި އެތަކެއް ހަމަނުޖެހުމެއް މި ގައުމުގައި މިވަނީ ހިނގާފައެވެ. ތިމާ ތާއީދުކުރާ މީހުންނަކީ ގާޒީންނެވެ. ތާއީދު ނުކުރާ މީހުންނަކީ ބާގީންނެވެ. ވެރިކަން ކުރާ މީހުން ދައުރު ހަމަވުމުން ތިބެން ޖެހޭ ތަނަކީ ޖަލުގެ ތޭރިތަކުގެ ފަހަތް ކަމުގައި މިވަނީ ވެފައެވެ. ގައުމުގެ ވެރިންނަށް، ކުރީގެ ވެރިންނަށް، ނައިބް ރައީސުންނަށް، ވަޒީރުންނަށް އިހްތިރާމު ކުރުމަކީ އޮންނަކަމެއް ނޫނެވެ. އެމީހުންނާ ދިމާލަށް ކިޔަނީ ހިތަށް އެރި އެއްޗެކެވެ. ތާރީހީ ފޮތްހޯތަކުގައި ލިޔުންތެރިން ލިޔުނު ރާއްޖެއަކީ އެއްބައިވަންތަ އެއްބައެއްވަންތަ ގައުމެއްގެ ގޮތުގައި އޮންނަ އޮތުމަކީ ހިޔާލީ ފޮލާއެއްހެންވެސް މިހާރު ހީވެއެވެ.

އާލަމީ ވަބާއެއް އަޅުގަނޑުމެންނާ ކުރިމަތިވެފައިވާއިރު އަޅުގަނޑުމެން ކަންކަން ކުރީ ޑިމޮކްރެޓިކް ގައުމެއް ކަން ކުރަން ޖެހޭ ގޮތަށްތޯ ސުވާލު ކޮށްލަން އެބަ ޖެހެއެވެ. އެއްބަޔަކު ބެލީ އެކަމުގެ ސިޔާސީ ފައިދާ ނެގޭތޯ އެވެ. އަނެއް ބަޔަކު ބެލީ އަމިއްލަ ޖީބަށް ބަރު ކުރެވޭތޯއެވެ. ސަރުކާރުގެ ތެރޭގައި އެއްބައިވަންތަކަން އޮތް ތަނެއް ނުފެނެއެވެ. ކުރީގެ ރައީސުންގެ ތަޖުރިބާ ބޭނުން ކުރުމުގެ ހިޔާލެއް ފިކުރެއް ސަރުކާރަކުން ނުގެންގުޅެއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ކޯވިޑް-19 ކޮންޓްރޯލު ކުރުން ސަރުކާރަށް ބޮޑު ވޭނަކަށް ވެގެން ދިއުމެވެ.

މިއާއި ހިލާފަށް އެމެރިކާ އަށް ބަލާލަމާ ހިނގާށެވެ. ހުރިހާ ސިޔާސީ ބޭފުޅުން އެކަތިގަނޑަކަށް ވެވަޑައިގަނެގެން މަސައްކަތް ކުރިތަން މުޅި ދުނިޔެއަށް ފެނިގެން ދިޔައެވެ. ކުރީގެ ރައީސުންގެ ތަޖުރިބާ ބޭނުންކުރިތަން އަޅުގަނޑުމެން ދުށީމެވެ. ޒާތީ ތައައްސުބު އެއްފަރާތް ކުރުމަށް ފަހު އެކަތިގަނޑަކަށްވެ ގައުމައިގެން ކުރިއަށްދާން މަސައްކަތް ކުރިއެވެ. އާހިރު ނަތީޖާއަކަށް ވެގެންދިޔައީ މި އާލަމީ ވަބާ ކޮންޓްރޯލު ކުރުން ފަސޭހަ ކަމަކަށް ވެގެން ދިއުމެވެ.

ހަގީގީ ޑިމޮކްރަސީ އަކީ މިއީ ނޫންތޯއެވެ. ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ކުރެވޭނީ  ހުރިހާ ބޭފުޅުން އެކީގައި މަސައްކަތް ކުރުމުން ނޫންތޯއެވެ.

މިއަދު އަޅުގަނޑުމެންގެ ގައުމަށް ބޭނުންވަނީ މިފަދަ ލީޑަރުންނެވެ. އިސްލާމްދީނާއި މި ގައުމު ދެކެ ލޯބިވާ ލީޑަރުންނެވެ. ފިތުނަ ފަސާދައަށް މި ގައުމުގައި ޖާގަ ނުދޭނެ ލީޑަރުންނެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައިދޭނެ ލީޑަރުންނެވެ. ރައްޔިތުންގެ މަސްލަހަތު ހިފަހައްޓައިދޭނެ ލީޑަރުންނެވެ.  ދިވެހި އިގްތިސާދު ކޮޅަށް ޖަހައިދޭނެ ލީޑަރުންނެވެ. ރާއްޖެއަށް ހެޔޮވަރު ޑިމޮކްރަސީއަކީ އެއީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button