
ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ދިވެހި ދައުލަތް އޮތީ ރައްޔިތުންނަށް ދަރަނިވެރިވެފައި ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ އިބްރާހިމް އަބާން އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މާލީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އަބާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމްޑީޕީގެ 5 އަހަރުގެ ވެރިކަމުގައި ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައިވެސް ނުވާ މިންވަރަށް ދައުލަތް ދަރަނިވެރިކޮށްލި ކަމުގައެވެ.
”ބަދަލު ދިނުމުގެ ނަމުގައި ގާތް ރަށްޓެހިންނަށް ފައިސާ ބަހާލި. ފައިސާ ޗާޕުކުރީ އިމެއް ނެތި.“ އަބާން ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ހާލަތު ގޯސްވެ، ގައުމުތަކުގެ ކްރެޑިޓް ރޭޓިން ގިންތި ކުރާ ދުނިޔޭގެ ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ ދާދިފަހުން ދަށްކޮށްފައެވެ.
ރާއްޖޭގެ ފައިނޭންޝަލް ރޭޓިންގ ސީސީސީ ޕްލަސްއަށް ފިޗުން ބަދަލުކުރީ ދައުލަތަށް ފައިސާ ހޯދުމަށް އޮތް ނުރައްކާތައް ބޮޑުވުން ކަމަށާއި، އެކަމަކު ދަރަނި މެނޭޖްކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކޮށްފިނަމަ، މާލީ ހާލަތު ރަނގަޅުވެގެންދާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ފައިނޭންޝަލް ރޭޓިންގ މަތިވެގެންދާނެކަން ފިޗުން ވެސް ފާހަގަކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.