ޚަބަރު

ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓްު ކުރާނަން: ޝަމްއާން

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް އިއްޔެ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގައި އެ އިދާރާގެ ބެމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރޭގައި ހިމެނޭ، ގަވައިދާ ހިލާފަށް ވިޔަފާރިތައް ކުރަމުންދާ އެންމެން ޑީޕޯޓްކޮށްލާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ޝަމްއާން ވިދާޅުވިގޮތުގައި އިއްޔެގެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އަދި އޭގެތެރޭގައި ހުއްދަ ނެތި އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީންތަކެއް ދެނެގަނެވިފައިވާކަމަށެވެ. އެހެން ކަމުން އޮންނަ އުސޫލުގެ ތެރެއިން އެމީހުން ޑިޕޯޓުކޮށްލާނެކަން ޝަމްއާން ފާހަގަކުރެއްވިއެވެ.

އެފަދަ މައްސަލަތައް ހައްލު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި، އެކަމަސައްކަތުގައި އިމިގްރޭޝަންގެ ދައުރު އެންމެ ފުރިހަމަށް އަދާކުރަމުންދާނެކަމުގައި ޝަމްއާން ވިދާޅުވިއެވެ.

އިއްޔެ މާލޭ ލޯކަލް މާރުކޭޓުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި، އެތަންތަން ބަލައި، ގަވާއިދާ ހިލާފަށް އުޅޭ 50 ބިދޭސީން ފުލުހުން ބެލުމުގެ ދަށަށް ގެންދެވި، އެމީހުން އިމިގްރޭޝަނާ ހަވާލު ކުރެވުނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button