ޚަބަރުސިޔާސީ

މަސްވެރިކަމުގެ ހާލަތު އިތުރަށް ގޯސްވީ ނިމިދިޔަ ސަރުކާރުން ހައްލުގެ އިދިކޮޅަށް ކަންކަން ކުރުމުން: ޑިމޮކްރެޓްސް

ކިރާ މަހުގެ ފައިސާ މަސްވެރިންނަށް ނުލިބުމާއި، ސިނާއަތުގެ ގޮންޖެހުންތައް ބޮޑުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުންވެސް މައްސަލާގެ ހައްލާ ދިމާ އިދިކޮޅަށް މަސައްކަތް ކުރުމުން ކަމުގައި ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.

ޑިމޮކްރެޓްސް އިން އެފަދަ ނޫސްބަޔާނެއް ނެރުނީ، ބޮޑު ކަންނެލި މިފްކޯއަށް ކިރުމަށާއި، ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮ ކުރުމަށާއި، ކަނޑުއޮތްގިރި ފެސިލިޓީ ހުޅުމާލެއަށް ބަދަލު ކުރުމަށާއި އަދި ބޭރުގެ ފަރާތްތަކަށް ލޭނު އެޅުމުގެ ހުއްދަ ނުދިނުމަށް ގޮވާލައި އިއްޔެ ބޮޑު ކަންނެލީގެ މަސްވެރިން މުޒާހަރާ ކުރުމާ ގުޅިގެންނެވެ.

އެ ޕާޓީން ބުނީ ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގައި ބާނާ ހުރިހާ މަހަކަށް އެކަށޭނަ އަގު ހޯދައިދިނުމާއި އަދި ގަވާއިދުން މަސްވެރިންނަށް ފައިސާ ލިބުމުގައި މެދުވެރިވާ އެންމެ ބޮޑު އެއް ހުރަސްކަމުގައިވާ ސަރުކާރުން މަސް ގަނެ ޕްރޮސެސްކުރުމުގެ މަސައްކަތުގެ ތެރޭގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުން އެމްޑީޕީ ސަރުކާރުން އިތުރަށް ފުޅާކުރަން ކުރި މަސައްކަތްތަކަކީ އެ ޕާޓީއިން އަބަދުމެ އެކަމާ ދޮކޮޅަށް އަޑު އުފުލާ، އަދި ވެރިކަމަށް އަންނަން ހުށަހެޅި ސިޔާސަތުތަކަށް ރުޖޫއަވުމަށް ކެނޑިނޭޅި ގޮވާލަމުންދިޔަ މައްސަލައެއް ކަމުގައެވެ.

ޑިމޮކްރެޓްސް އިން ބުނާގޮތުގައި މަސްވެރިން ކިރުވާ މަހުގެ ބޮޑު އިންސަތައެއް ގަނޑުކުރި ރޯމަހުގެ (ރޯމެޓީރިއަލްގެ) ގޮތުގައި އެކްސްޕޯޓު ކުރާހާ ހިނދަކު މަސްވެރިކަމުން ދިވެހިރާއްޖެއަށް ލިބެންޖެހޭ ފުރިހަމަ ނަފައެއް ނުލިބޭނެއެވެ. އަދި ދިވެހި މަސްވެރިން ބާނާ މަހަށް އެކަށޭނަ އަގެއް ހޯދައި ދިނުމަށް މިހާރު ރާއްޖޭގައި މަސް ޕްރޮސެސްކުރުމަށް ބޭނުންކުރާ މޮޑެލް ބަދަލުކޮށް، ސަރުކާރުން އެކީ މި މަސައްކަތުގެ ތެރެއިން ވީއްލި، މިހާރު ހުރި ސަރުކާރުގެ މަސް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖްތައް ޕްރައިވެޓައިޒް ކުރުން ނުހަނު ބޭނުންތެރިކަމަށް އެ ޕާޓީއިން ދެކެ އެވެ.

ވޭތުވެދިޔަ ސާޅީހަކަށް އަހަރު ހިންގޭތޯ މަސައްކަތްކުރި ސަރުކާރުގެ މަސް ފެކްޓްރީއަށް މަސް ގަނެވިއްކުމުގެ މޮޑެލް އިން މަހަށް އެކަށޭނަ އަގެއް ނުދެވޭކަމާއި އަދި ކިރުވާ މަހަށް ގަވާއިދުން ފައިސާ ދޫނުކުރެވޭކަމީ ފެންނަން އޮތް ހަގީގަތެއްކަމުން، އެ ޕާޓީގެ މަސްވެރިކަމާ ގުޅޭ ސިޔާސަތުތަކުގައި ވެސް އެކަށައަޅާފައިވާ ފަދައިން، ސަރުކާރުން މަސްވެރިކަމުގެ ވިޔަފާރިން ނިކުމެ، އަމިއްލަ މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކާއި އަދި ކައުންސިލުތައް މި މަސައްކަތުގެ ތެރެއަށް ވައްދަން ޖެހޭކަން ޑިމޮކްރެޓްސްއިން ފާހަގަކުރެއެވެ.

”ރާއްޖޭ އެކި ސަރަހައްދުތަކުގައި އެތަކެއް ލައިޓް އިންޑަސްޓްރިއަލް މެނުފެކްޗަރިން ޕްލާންޓްތަކެއްގެ ގޮތުގައި ގޭދަށު މަސް ފެކްޓްރީތައް ގާއިމުކޮށް، އެތަންތަނަށް މަސްވެރިން ބާނާ މަސް ގަނެ، ޖުމްލަކޮށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބޮޑު ބަޔަކީ ކޮންމެވެސް އެއްގޮތަކަށް ޕްރޮސެސްކުރެވި ވެލިއުއެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ އެއްޗެއްކަމުގައި ހެދިގެން ނޫނީ މަސްވެރިކަމުގެ ފުރިހަމަ ނަފާ ދިވެހި މަސްވެރިންނަށާއި އަދި ދިވެހިރާއްޖެއަށް ވެސް ނުލިބޭނެ.“ ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.

ޑިމޮކްރެޓްސް އިން ގަބޫލުކުރާ ގޮތުގައި، ބާނާ މަހަށް އެކަށޭނަ އަގު ދިނުމާއި، މަހުގެ އަގު އުފުލުމާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސްވެރިކަމާ ގުޅޭ ގޮތުން ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމުމުގެ އިތުރުން ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އިއުލާނު ކުރައްވާފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަހުގެ ކޯޓާ އަހަރުން އަހަރަށް ހަމަކުރުމަށްވެސް އޮތް މަގަކީ މަސްވެރިކަމާ ގުޅޭގޮތުން ޑިމޮކްރެޓުން ހުށަހަޅާފައިވާ ސިޔާސަތުތަކަށް ރާއްޖެ އެނބުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button