ޚަބަރުސިޔާސީ

މިފްކޯއަށް ސަބްސިޑީ ނުދީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރެވޭނެ ގޮތަކަށް ކުންފުނި ބައްޓަން ކުރާނަން: މިނިސްޓަރ

މިފްކޯއަށް ސަބްސިޑީ ނުދީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރެވޭނެ ގޮތަކަށް އެ ކުންފުނި ބައްޓަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ބޮޑު ކަންނެލީގެ މަސްވެރިން އިއްޔެ ކުރި ސުލްހަވެރި އިހުތިޖާޖުގެ ތެރެއަށް ވަޑައިގަންނަވާއި މަސްވެރިންނާ ދެއްކެވި ވާހަކަފުޅުގައި ޝިޔާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 3 އަހަރު ދުވަހުގެ ތެރޭ ސަބްސިޑީއާ ނުލައި މިފްކޯއިން ކަޅުބިލަމަސް ގަނެވޭ ގޮތަށް ކުންފުނީގެ ހިންގުން ހަރުދަނާކުރައްވާނެ ކަމުގައެވެ.

”ސަބްސިޑީ ނުދީ ހިންގާ ގޮތަށް މިފްކޯ ފުރަތަމަ 3 އަހަރު ތެރޭގައި ގެންދެވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން.“ ޝިޔާމް ވިދާޅުވިއެވެ.

އެގޮތަށް އަމަލު ކުރުމުން ޖުމްލަގޮތެއްގައި ހުރިހާ މަސްވެރިންގެ ތަކުލީފު ނިމުމަކަށް އަންނާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

48 ގަޑިއިރުގެ ތެރޭގައި ކިރާ މަހަށް ފައިސާ ދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، އެމަނިކުފާނުގެ ސަރުކާރާ ވެރިކަމާ ހަވާލުވިއިރު، މަސްވެރިކަމުގެ ސިނާއަތުގައި ހިނގާ އޮޕަރޭޝަންތައް އޮތީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ހާއްސަކޮށް ސަރުކާރުގެ ކޭޝްފްލޯގެ ދަތިކަމުގެ އިތުރުން ވައުދާއި އެއްގޮތަށް ކަޅުބިލަމަހުގެ ކިލޯއެއް 20 ރުފިޔާއަށް މިފްކޯއިން ގަންނަނީވެސް ގެއްލުމުގައެވެ. އޭގެ ހައްލެއްގެ ގޮތުގައި މިފްކޯއަށް ސަރުކާރުން ސަބްސިޑީދޭއިރު، އެއީ އަހަރެެއްގެ މައްޗަށް ކިރާ މަހުގެ ޖުމްލަ ޓަނޭޖާ އަޅާބަލާއިރު އެކަށޭނެ މިންވަރެއް ނޫނެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި 413 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިއަހަރުގެ ސަބްސިޑީގެ ގޮތުގައި 763 ބޭނުންވާކަމަށް މިފްކޯއިން ލަފާކުރެއެވެ. މީގެ އިތުރުން އޮޑިޓް ރިޕޯޓުން އެނގޭގޮތުގަައި މިފްކޯއިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 701 މިލިއަނަށް އަރައެވެ.

މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް އައު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާއިރު، އެކުންފުނީގެ އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކުރުމަށް ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button