ޚަބަރުސިޔާސީ

ސިޑްސްގެ ހަވާސާގައި ބޭރު ގައުމުތަކާއި، ޖަމުއިއްޔާ ޖަމާއަތްތަކުގެ ވެރިންގެ ސަމާލުކަން ރައީސް މުއިއްޒުއަށް!

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަވާސާގައި ބޭރު ގައުމުތަކުގެ ވެރިންގެ ސަމާލުކަން ދިވެހިރާއްޖެއާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހޯއްދަވައިފިއެވެ.

ސިޑްސް ނުވަތަ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި ދުނިޔޭގެ އެކި ގައުމުތަކުގެ ރައީސުންނާއި، ބޮޑުވަޒީރުންގެ އިތުރުން ދައުލަތްތަކުގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ވަނީ ރައީސް މުއިއްޒު އާއި ބައްދަލުކުރައްވައި ތަރައްގީގެ މައުޟޫގައި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވަނީ އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ އިއްޔެ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ބޭއްވެވީ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެންޓީގާ އެންޑް ބާބިޔުޑާގެ ސަރުކާރުން ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިންތިޒާމުތައް ކުރައްވާފައިވާ ފުރިހަމަކަމަށް ތަޢުރީފުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް އެޤައުމުން އަދާކުރެއްވި މެހުމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮންފަރެންސްގައި މަޝްވަރާކުރި ބައެއް މައްސަލަތަކާއި ތަރައްޤީވަމުންވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާ ގުޅޭ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ވިލުންތެރިކަން އިތުރުކުރުމާއި އިސްކަންދޭ މުހިންމު މައްސަލަތަކުގައި މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގައި އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސިޑްސްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް އޮނަރަބްލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭ.ސީ.އާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާކަން ހާމަކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ ފަރާތުން ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމާއި ތަޢުލީމާއި ތިމާވެށްޓާއި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ހާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސިޑްސްއިން ނެރެވޭނެ ނަތީޖާއާއި ދައުރުގެ މައްޗަށް އަދި ދައުލަތްތަކުގެ ވަސީލަތްތަކާއި އަމިއްލަ ފޯރުންތެރިކަން އިތުރުކުރުމުގެ މައްޗަށް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސްގެ އެޖެންޑާ ކުރިއަށް ގެންދިއުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތުގެ ފަރާތުން ސިޑްސްއަށް އެހީވުމުގައި ކޮމަންވެލްތުގެ ދައުރު އިތުރަށް ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސް4 ގެ އެޖެންޑާގެ ތެރެއިން ޤައުމުތަކުން އެއްބަސްވާ އެކްޝަން ޕްލޭންގައި ކަނޑައެޅޭގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބާރުއަޅުއްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތާއެކު އޮތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޑްސްގެ ހަވާސާގައި ޓޮންގާގެ ބޮޑުވަޒީރު ސިއާސީ ސިވަލެނީއާވެސް ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ތަރައްޤީގެ މަގުގައި ކުރިޔަށްދާއިރު އަމިއްލަ ފުދުންތެރިކަމާއެކު ކުރިޔަށްދިއުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން ދެ ލީޑަރުން ވަނީ މަލްޓިލެޓަރަލް ކްލައިމެޓް ފަންޑުގެ އެހީތެރިކަން ހޯދުމަށް މިހާރު އޮންނަ ގޮތްތައް އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރުމާއިއެކު، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ސިޑްސްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެންޑް ކޮމަންވެލްތު އަދި ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ރައިޓް އޮނަރަބްލް ލޯރޑް ރިޗަޑް ބެންޔޯންއާ ބައްދަލުކުރައްވައި، ކާމިޔާބު މަޝްވަރާތަކެއް ކުރައްވާފައެވެ.

ދެ ޤައުމުގެ ދެމެދު އޮތް ގުޅުމާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައްޗަށް، ހާއްސަކޮށް ސިޑްސްއާއި ގުޅުންހުރި މައްސަލަތަކުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް ސްޓޭޓްގެ މި ބައްދަލުކުރެއްވުމުގައި ވަނީ ކުރިއަށް ގެންދަވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ލޯރޑް ބެންޔޯން ވަނީ ދިވެހިރާއްޖެއިން ސިޑްސްއަށް ވަކާލާތު ކުރުމުގައި އިސްނަގައިގެން ކުރާ މަސައްކަތަށާއި ދިވެހިރާއްޖޭގެ ތަރައްޤީއާއި ތަނަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވަރުގަދަ ތަސައްވުރަށް ތަޢުރީފުކުރައްވާފައެވެ.

ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް 2024 މެއި 27 އިން 29 ބާއްވާފައި ވަނީ އެންޓީގާ އެންޑް ބާބިޔުޑާގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button