ޚަބަރުސިޔާސީ

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި 93 މެންބަރުން ހުވާ ކުރައްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބުވި 93 މެންބަރުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9:00 ގައި ކުރިއަށް ދިޔަ މި ހަފްލާގައި މެންބަރުންނަށް އެ ބޭފުޅުންނަށް ހުވާލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އަދި އެއަށްފަހު 10:15 ގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ވަނީ ފެށިގެން ގޮސްފައެވެ. މަޖިލީހުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ރިޔާސަތުގައި އިންނަވައިގެން މިއަދު ކުރިއަށްދާ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދުު ނާޒިމެވެ. އެއީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީން މީގެ ކުރިންވެސް ނިންމާފައި އޮތް ގޮތެވެ.

އެއަށްފަހު ދެން އޮންނާނީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން މަޖިލީހުން އެކުލަވައިލަން ޖެހޭ ހިންގުމުގެ ގަވައިދާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލައަށް ބަހުސް ކުރުމެވެ.

ޕީއެންސީގެ މެންބަރުންގެ އިތުރުން މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ އިތުރުން އެމްއެންޕީގެ މެންބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button