
މުސްލިމް ދައުލަތެއް ކަމުގައިވާ ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދިޔަ ރަފާހްގެ ކޭމްޕަށް އިޒްރޭލުގެ ނިރުބަވެރި ސިފައިން ދިން ހަމަލާތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރި ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އަމުރުތަކަށް އިޒްރޭލުން ތަބާވާން ޖެހޭނެ ކަމުގައެވެ.
”ހަނގުރާމަ ވަގުތުން ހުއްޓާލައި އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑު ގޮވާލަން.“ ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގާނޫނުން އެއްވެސް ގައުމެއް އިސްތިސްނާ ނުވާނެ ކަން ފާހަގަކުރައްވައި ރައީސް ވަނީ ދިވެހީންގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާފައެވެ.