ޚަބަރުސިޔާސީ

ނައިފަރަކީ ސަރުކާރުން ތަރައްގީކުރުމަށް ނިންމަވާފައިވާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރު: ރައީސް

ނައިފަރަކީ މި ސަރުކާރުން ތަރައްޤީކުރުމަށް ނިންމަވާފައިވާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާދިއްޕޮޅު ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިފަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓިނިވި ތަރައްޤީ ހާޞިލްވާގޮތަކަށް ކަންކަން ކުރުންކަމުގައެވެ. އެގޮތުން މި ސަރުކާރުގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް 7 އާބަން ސެންޓަރު ޤާއިމުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާބަންސެންޓަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން އެންމެ މުހިންމު ހުރިހާ ދާއިރާއަކުން ޚިދުމަތް ދެވެން ހުންނާނެކަމަށެވެ. އެގޮތުން އެކިކަހަލަ ތެރެޕީތައްވެސް ދެވޭނެކަމުގައި އެމަނިކުފާނު ފަހަގަކުރެއްވިއެވެ. އަދި ތަޢުލީމީ ނިޒާމުވެސް އެންމެ މަތީ ފެންވަރުގައި ޤާއިމުކުރައްވާނެކަމަށާއި، މަގުތައްވެސް އެންމެ ރަނގަޅަށް ހަދައި އަދި ދެންހުރި ކަންކަން ވެސް އެންމެ ރަނގަޅަށް ޤާއިމުކުރެވިފައި ހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރުގައި ބިން ބޮޑު ކުރުމުގެ މަޝްރޫޢެއް ފެށިފައި އޮތް ނަމަވެސް އެއީ ރައްޔިތުން އެދޭ މިންވަރަށް ހިނގާ މަޝްރޫޢަކަށް ނުވާކަމުގައި ފާހަގަކުރައްވައި، މިހާރު ފަށާފައިވާ ބިންހިއްކުމުގެ މަޝްރޫޢު ނިމޭ އިރު، ރައްޔިތުން އެދޭވަރަށް 45 ހެކްޓަރު ބިން ހިއްކައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެކަމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިފަރަކީ، ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ތިންވަނަ މަންޒިލެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button