ޚަބަރު

ނާސްތާ ވައުދު: އަންނަ އަހަރުން ފެށިގެން ނާސްތާ ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ދަރިވަރުންނަށް އެކަނި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނޭ، ސްކޫލް ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމުގައި 2023 ވަނަ އަހަރުން ފެށިގެން ހުރިހާ ދަރިވަރުންނަށް ނާސްތާ ނުދޭން ނިންމައިފިއެވެ.

ހެނދުނު ދަންފަޅީގައި ސުކޫލްތަކުގައި ކިޔަވާ ކުދިންނަށް ނާސްތާ ދިނުމަށް ރައީސް ވައުދުވެ، އެ ޕްރޮގްރާމް ފަށާފައިވަނީ ޖޫން 2019 ގައެވެ.

އަންނަ އަހަރުން ފެށިގެން، ނަސްތާ ޕްރޮގްރާމުގައި ބައިވެރިވެވޭނީ މައިންބަފައިންގެ މާލީ ހާލަތު ނުވަތަ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން، ދަރިވަރުން ސުކޫލަށް ފޮނުވާއިރު ކާއެއްޗެއް ނުކައި އަންނަ ދަރިވަރުންނަށާއި، ރަނގަޅަށް ނުކެވުމުގެ ސަބަބުން ސުކޫލަސް އަންނަ އިރު ބަނޑުހައިވެފައި ތިބޭ ދަރިވަރުންނަށާއި، ކާނެ އެއްޗެއް އިންޓަވަލް ގަޑިއަށް ނުގެނެވޭ ދަރިވަރުންނަށެވެ. މި ޝަރުތުތައް ހަމަވާ ދަރިވަރުންނަށް ނޫނީ އަންނަ އަހަރު ނާސްތާ ނުދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިދެންނެވި ޝަރުތުތައް ހަމަވާ ދަރިވަރުންގެ މައުލޫމާތު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން މިނިސްޓްރީއާ ހިއްސާކުރުމަށް، ސުކޫލުތަކަށް އަންގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ބުނާގޮތުންނަމަ، މިއަހަރުގެ މިހާތަނަށް ސަރުކާރުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން ޖުމްލަ 821 ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދެމުން ދެއެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖެ ކުއްލި ނުރައްކަލުގެ ހާލަތައް ދިޔަ ދަނޑިވަޅުގައި ސުކޫލްތައް ބަންދުކުރުމާއި ގުޅިގެން، ނާސްތާ ޕްރޮގްރާމް މެދުކަނޑާލާފައިވެއެވެ. މި ޕްރޮގްރާމަކީ މާލެއާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ކޮވިޑަށް މެދުކަނޑާލުމަށްފަހު ނާސްތާ ޕްރޮގްރާމް މިދިޔަ އަހަރު ފަށާފައިވާއިރު، އެ ޕްރޮގްރާމް ހިންގަންފަށާފައިވަނީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ދަރިވަރުންނަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button