ޚަބަރުސިޔާސީ

7 އާބަން ސެންޓަރުގެ ތެރޭގައި އުނގޫފާރު ހިމެނޭކަމުގައި ރައީސް ވިދާޅުވެއްޖެ

މި ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ގިނަ ރައްޔިތުންނަށް ފައިދާ ހާސިލުކުރެވޭނެ ގޮތަށް ރާއްޖޭގައި 7 އާބަން ސެންޓަރު ތަރައްޤީކުރާނެ ކަމަށާ، އޭގެ ތެރޭގައި އުނގޫފާރު ހިމެނޭކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުނގޫފާރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި 7 އާބަން ސެންޓަރެއް ތަރައްޤީ ކުރައްވާނެކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި އެންމެ މުހިންމު ކަންކަން ފުއްދަވައިދެއްވާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިޤްތިޞާދު ވަރުގަދަކޮށް، ފަސޭހަކަމާއެކު އަނބުރާ ދެއްކޭނެ ލުއި ލޯނު ސްކީމް ތަޢާފަރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސޯޝަލް ހައުސިންގއަށް ކުރެވެމުންދާ މަސައްކަތްތައް އެމަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ކުޅިވަރުގެ ދާއިރާ، އުމްރާނީ ތަރައްޤީގެ ދާއިރާ، އިޖްތިމާޢީ ތަރައްޤީގެ ދާއިރާއާއި ދެންވެސް ހުރި އެކިދާއިރާތަކަށް ސަމާލުކަން ދީގެން އެކަންކަން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އުނގޫފާރަކީ، ރައީސް މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ތިންވަނަ މަންޒިލެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button