ޚަބަރު

”ބިމު އަޑީގަ ތިބެންޖެހޭ ޖިންނި ޝައިތާނުން ނަގާ ދިރުވީމަ ވާނެގޮތް މިވަނީ“

ލިވާތުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުން ދޫކުރަމުން ދާތީ އެމައްސަލައިގައި އާންމުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި މީރާގެ ކުރީގެ ބޯޑު މެންބަރު އައްބާސް އާދިލް ރިޒާ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ބައިވެރިޔާ، ހޯމް މިނިސްޓަރު އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީ އާއި، އެޕާޓީއަށް ނިސްބަތްވާ ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފް ޓެގު ކުރައްވައި އައްބާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިމު އަޑީގަ ތިބެންޖެހޭ ޖިންނި ޝައިތާނުން ނަގާ ދިރުވީމަ ވާނެގޮތް ފެންނަމުންދާ ކަމުގައެވެ.

އިބްރާއަށް އައްބާސް މިފަދަ ރައްދެއް ދެއްވީ އެންމެ ހުުތުރުކަން ބޮޑު އެއް ފާފަ ކަމުގައިވާ ލިވާތު ކޮށްގެން އެހެން މީހަކަށް ގެއްލުމެއް ނެތް ކަމަށާއި، ޔޯގާ ހަމަނުޖެހުމުގެ ސަބަބުން އެހެން މީހުންގެ ޖިސްމަށް އަނިޔާ ލިބޭ ފަދަ އަމަލުތަކެއް ފެނުނު ކަމުގައި އޭނާ ވިދާޅުވުމާ ގުޅިގެންނެވެ.

އިބްރާ މިފަދައިން ވިދާޅުވީ ދެ ހަފްތާ ނުވަނީސް ލިވާތު ކުރި މީހުން ދޫކޮށްލިއިރު، ޔޯގާ ހައްޔަރީން ތިބީ ބަންދުގައިކަން ފާހަގަކުރައްވައި ވަކީލު މުހައްމަދު ޝަހީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. އެނާ ވިދާޅުވިގޮތުގައި ޒިނޭ އާއި ލިވާތަކީ ކުށެކެވެ. އެކުށަކީ ދެމީހަކު ނުވަތަ ގިނަ ބަޔަކު ރުހުމުގައި އެކަހެރިވެގެން ތިބެ ކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހެން މީހެއްގެ ފުރާނައަށް, މުދަލަކަށް, މިނިވަންކަމަކަށް ލިބޭނެ ގެއްލުމެއް ނެތްކަންވެސް އިބްރާ ފާހަގަކުރެއްވިއެވެ.

އެއާ ހިލާފަށް 22 ޖޫންގައި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ޔޯގާ ހަމަނުޖެހުމަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސް އަޅައި، އާންމުތަނެއްގައި ހިނގި ޓެރަރިޒަމްގެ އަމަލެއްކަމުގައި އިބްރާ ވިދާޅުވިއެވެ.

ޝަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ‏އެއްޖިންސުން ގުޅުން ހިންގި މީހުން 2 ހަފުތާ ނުވަނީސް ދޫކޮށްލިއިރު، ޔޯގާ މައްސަލައިގަ ހައްޔަރުކޮށްފައިވާ އޭނާގެ މުވައްކިލު މުޙައްމަދު ޛިލްޔަން ބަންދުގައި ހުންނަތާ މިއަދަށް 52 ދުވަސް ވެއްޖެ ކަމުގައެވެ.

“މިއަށް ކިޔާނީ ސަދޫމް ޖަސްޓިސް ނޫން ދެން ކޯއްޗެއްތޯ.” ޝަހީދު ވިދާޅުވިއެވެ.

އިބްރާގެ މިވާހަކަތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަނީ އިބްރާ އަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައްވައި, ޓުވީޓެއް ކުރައްވާފައެވެ.

ލިވާތުގެ މައްސަލައިގައި ވީޑިއޯތަކެއް އާންމުވެ ހައްޔަރުކޮށްފައިވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބި ތިން މީހަކު ދޫކޮށްލާފައި ވަނީ އެ މީހުންގެ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު، އެ މީހުން އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނަ ކަމަށް ނިންމުމާ ގުޅިގެން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button