އިތުރުގަޑި ދޭގޮތް ބަލަން އޮޑިޓް ކުރަނީ
ދައުލަތުގެ އިދާރާތަކުން އިތުރުގަޑީގެ ފައިސާ ދޭގޮތާއި ގުޅޭ ގޮތުން އޮޑިޓެއް ހެދުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
މި އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ. އަދި އޮޑިޓް ކުރިއަށް ގެންދާނެ ފަރާތެއް ހޮވުމަށް ކުރިއަށް ގެންދާ ބިޑްގެ އެއްވެސް ސުވާލެއް ނުވަތަ ސާފުކުރަންބޭނުންވާ މަޢުލޫމާތެއް ވާނަމަ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ކުރިން މެއިލް މެދުވެރިކޮށް procurement@finanace.gov.mv އަށް ފޮނުވުމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށްފަހު އެ މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޖުލައި 2021، 13:30 ގައެވެ.
މިއޮޑިޓްގެ ބޭނުމަކީ ދައުލަތުގެ އިދާރާތަކުން އިތުރުގަޑީގެ ފައިސާއަށް ހަރަދުކުރާ ގޮތާއި، މިންވަރާއި އަދި މުވައްޒަފުން އިތުރުގަޑީގައި ކުރާ މަސައްކަތް ދެނެގަތުމެވެ. އަދި އޮޑިޓުކޮށް ނިމުމުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމާއި، ދެމެހެއްޓެނިވި ގޮތުގައި ހަރަދުތައް ހަމަޖައްސައިގެން އިތުރުގަޑީގެ ފައިސާ މުވައްޒަފުންނަށް ދެވޭނެ ގޮތްތައް ހަމަޖައްސާނެއެވެ.
މި އޮޑިޓު ކުރާނީ ލިއެކިއުންތަށް ބަލައިގެންނާއި މުވައްޒިފުންނާއި އިންޓަވިއު ކޮށްގެންނެވެ.