ޚަބަރުސިޔާސީ

ކަނޑުމަތި އަޅާ ކޮންމެ ފަހަރަކު ވެރިކަމުގެ ނިޒާމު ބަދަލުކުރާކަށް ނުޖެހޭނެ: ނިހާން

ސިޔާސީގޮތުން ކަނޑުމަތި އަޅާ ފަހަރު އަޔަސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނުޖެހޭނެ ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރުކަންވެސް ކުރައްވާފައިވާ ނިހާން ކުރެއްވި ޓުވީޓެއްގައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަކަށް ފުރޮޅާލުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހާކަފުޅުތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

”އާ ގާނޫނު އަސާސީ އާއި އެކު 2008 ގައި ކުރަން ފެށި ދަތުރުގައި ކަނޑުމަތި އަޅާ ފަހަރު ފަހަރު އަޔަސް ނިޒާމު ބަދަލު ކުރާކަށް ކޮންމެހެން ނުޖެހޭނެ.“ ނިހާން ވިދާޅުވިއެވެ.

ނިހާން މިފަދަ ޓުވީޓެއް ކުރައްވާފައިވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް ރައްޔިތުން ޖާގަ ނުދެއްވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ދާދިފަހުން އާސްކް ސްޕީކާގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން ގެންްނަ ޕްރޮގާމުގައި ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމް ގެންނަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދުވެސް ލިބިވަޑައިގަންނަވާނެ ފަދަ މޭރުމަކުން އެމަނިކުފާނު ވާހަފުޅު ދެއްކެވިއެވެ. އެކަމަކު އިދިކޮޅު ކޯލިޝަން މިވަގުތު ހިންގުވާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަން ދޮގު ކުރައްވާފައެވެ. އަބްދުއްރަހީމް ވަނީ ޓުވީޓެއް މެދުވެރިކޮށް ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައީސް ޔާމީންގެ ވިސްނުންފުޅު ހާމަކުރައްވާފައެވެ.

”ރައީސް ޔާމީން ތާއިދު ކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް. އެއީ ރިޔާސީ ނިޒާމް. ރައީސް ޔާމީން ތާއީދުކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނފިވަޑައި ނުގަންނަވާނެ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިކަން ސާފުކޮށްދެއްވި އިރު، ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ”މިހާރު“ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރައީސް ޔާމީން ޖަލުން މިނިވަން ކޮށްފިނަމަ ބަރުލަމާނީ މަޝްވަރާއަކަށް އިދިކޮޅުން ދާނެކަމަށް ވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button