ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރ، ހިސާން ހުސައިން ހުށަހެޅި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރ، އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވެފައި އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
ސައީދުގެ މި ޓްވީޓް ކުރައްވާފައިވަނީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ޕެޓިޝަންއަށް ރައީސް ޖަވާބު ނުދެއްވުމުން، އިލްމުވެރިންގެ ގުޅުމުގެ ފަރާތުން އިތުރު ސިޓީއެއް ރައީސަށް ފޮނުވުމާ ގުޅިގެންނެވެ.
“Hisaan Bill” eiee Sarukaarun husha elhi bileh. Sarukaaru beynun gothakah faaskureven oiy bileh. Sarukaaru ge isverinnakee RSolih, RN, RM Qasim adhi Imran. Ehenveema beynun maa’dhaa eh uni/ ithurukureven ovva nukoh thibenee keevetho? https://t.co/f75W6Qqof2 via @DhiyaresNews
— Mohamed Saeed (@em_saeed) July 6, 2021
ސައީދުގެ ޓްވީޓުގައި، މި ބިލަކީ ސަރުކާރުން ބޭނުން ގޮތަކަށް ފާސްކުރެވެން އޮތް ބިލެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި މިސަރުކާރުގެ ވެރިންނަކީ ރައީސް ސޯލިހާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކަމަށް ވެސް ސައީދު ވިދާޅުވެފައި ވެއެވެ.
”ސަރުކާރުގެ ހުރިހާ ބާރެއް އެބޭފުޅުންގެ އަތުގައި އޮތް އިރުވެސް މިބިލަށް ބޭނުން މާއްދާއެއް އުނި އިތުރު ނުކޮށް ތިއްބަވަނީ ކީއްވެތޯ.“؟ ސައީދު ވިދާޅުވިއެވެ.
ނަފްރަތުގެ ބިލަކީ ގާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރަން މެމްބަރ ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހެކެވެ. މިބިލުގެ ސަބަބުން ސެކިއުލަރިޒަމަށް މަގުފަހިވާކަމަށް ބުނެ، ގިނަ އަދަދެއްގެ އިލްމުވެރިންނާއި އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.