ޚަބަރުސިޔާސީ

ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޚާއްޞަ ފޯރަމްތަކެއް ބާއްވަނީ

ސަރުކާރުގެ ވެރިން ރައްޔިތުންގެ ކަންކަން ކައިރިން ބެލުމަށް ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށް ޚާއްޞަ ދަތުރުތަކެއް ކުރެއްވުމާއެކު، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޚާއްޞަ ފޯރަމްތަކެއް ބާއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

ސިޓީ ކައުންސިލުގައި މޭޔަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވިއިރު ވެސް އެންމެ ބޮޑަށް އިސްކަންދެއްވީ ކައިރިން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި އިހުސާސްތައް ބެއްލެވުމަށް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ކައުންސިލުތަކުގެ އަގުވަޒަން ކުރުމަށް ކަންގަތި އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”އަޅުގަނޑު މާލޭގެ މޭޔަރުކަމުގައި ހުރި އިރުވެސް އަޅުގަނޑު ހަމަ ވަކިން ތާވަލު ހަދައިގެން މާލޭގެ ގޭގެއަށް ޒިޔާރަތްކުރިން. ރައްޔިތުންގެ ހާލުބެލިން. ރައްޔިތުން ހުށަހަޅާ އެ ރައްޔިތުންގެ މުހުތާދުތަކުގެ ވާހަކަ އަޑު އެހިން. ކޮށްދެވޭން ހުރި ކަންކަން ކޮށްދިނިން. ނުވަތަ ވީހާވެސް އަވަހަކަށް ވީހާވެސް ރަނގަޅަކަށް ކޮށްދެވޭތޯ ބެލިން. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތަކާއި ޝަކުވާ ސީދާ އަޅުގަނޑާ ހިއްސާކުރެވޭނެ ގޮތް އޮފީހުގެ ރަސްމީ ގަޑީގެ ތެރޭން ހަމަ ޖެއްސިން“ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ޝަކުވާތައް ސިޓީ ކައުންސިލަށް ހުށަހެޅުމަށް ޚާއްޞަ ޕޯޓަލެއް ޤާއިމުކުރެއްވިކަމާއި އެ ޕޯޓަލް މެދުވެރިކޮށް ވަރަށް ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން ކަމަށް ވިދާޅުވެ، ހުރިހާ ރަށަކަށް ވެސް ވަޑައިގަންނަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”ތިޔަ ބޭފުޅުންގެ އަސްކަނި ދަށުން ލިބޭ ހިޔަލަކީ ވަރަށް ވެސް ނިޔާމަ ހިލެއްކަމުގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން. މީގެ އިތުރަށް ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ސުވާލުކުރެވޭ ގޮތަށް، އަދި އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ އަޅުގަނޑަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރާނަން،“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނަށް ޚިޔާލާއި މަޝްވަރާ އަދި ޝަކުވާ ހިއްސާކުރެވޭނެ ޚާއްޞަ ޕޯޓަލެއް ރައީސް އޮފީހުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން ދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރަކީ ދެ ފުށްފެންނަ ސަރުކާރަކަށް ހައްދަވަން ބޭނުންފުޅުވަނީ އޭގެ ޙަޤީޤީ މާނާގައި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button