ޚަބަރުސިޔާސީ

ފަތުރުވެރިން ދަތުރުކުރާ ތަފާތު މަންޒިލުތަކަށް ދިވެހިރާއްޖޭގެ މަތިންދާބޯޓުތައް ދަތުރުކުރަން ފަށާނެ: އަމީން

ޤައުމީ އެއާލައިނުން ވައިޑް-ބޮޑީ އެއާކުރާފުޓުތަކުގެ އޮޕަރޭޝަން ފެށުމުން، ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި، ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރާ ތަފާތު މަންޒިލުތަކަށް ދިވެހިރާއްޖޭގެ މަތިންދާބޯޓުތައް ދަތުރުކުރަން ފަށާނެކަމަށް ދަތުރުފަތުރާއި ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު ކެޕްޓަން މުޙައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

އަމީނު މިފަދައިން ވިދާޅުވެފައިވާއިރު ޤައުމީ އެއާލައިނުން ވައިޑް ބޮޑީ އެއާކްރާފްޓުގެ އޮޕަރޭޝަންތައް ފެށުމަށް ދެ ބޯޓެއް ގެނައުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ހަމަޖައްސައިދިނުމަށް މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އައު މަންޒިލުތަކަށް ދަތުރުކުރަން ފެށުމުގައި ބޭރުގެ ޤައުމުތަކުން ބޭނުންވާ އެހީތެރިކަން އެ ޤައުމުތަކާ މަޝްވަރާކޮށްގެން ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ މަޝްވަރާކޮށްގެން ކުރިއަށްގެންދެވުމަށް ނިންމަވާފައިވެއެވެ. މި މަޝްރޫޢުގެ ތެރެއިން ދަތުރުކުރާނެ އެންމެ މުހިއްމު މަންޒިލުތަކުގެ ގޮތުގައި ޗައިނާގެ މަންޒިލުތައް ހަމަޖެއްސުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ވަނީ ނިންމަވާފައެވެ.

މި ނިންމުންތަކާ ގުޅިގެން އިތުރަށް އަމީނު ވިދާޅުވީ މިހާރު އޭޝިޔާއާއި ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގިނަ ބަޔަކު އަންނަނީ އެހެން ޤައުމުތަކުގައި ޓްރާންސިޓުވުމަށްފަހު ކަމަށެވެ. އަދި ފަތުރުވެރިން ބޭނުންވަނީ އެމީހުން ދަތުރުކުރާ މަންޒިލުތަކަށް ސީދާ ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެހުންކަމަށާއި، މިހާތަނަށް ރާއްޖޭގައި އެކަން އޮތީ ނުކުރެވިކަމަށް އަމީނު ވިދާޅުވިއެވެ.

”ވައިޑް ބޮޑީ އެއާކްރާފްޓަކީ ދުރު ރާސްތާއަށް، އެއް ބައްރުން އަނެއް ބައްރަށް ފަސިންޖަރުން އުފުލޭ ވަރުގެ ބޯޓު. މިލެވެލްގެ އޮޕަރޭޝަން މިހާތަނަށް ރާއްޖޭގައި ހިންގިފައި ނެތް. ކުރިންވެސް ރާއްޖެއިން ބޭރަށް ދަތުރުކުރަން މޯލްޑިވިއަންއިން ބޭނުންކުރީ ނެރޯ ބޮޑީ އެއާކްރާފްޓު. ނެރޯ ބޮޑީވީމައި ވާގޮތަކީ މިސާލަކަށް ޗައިނާގެ މަންޒިލަކަށް ދާންވިޔަސް ރޭންޖު ނުހުންނާތީ ޖެހޭނީ ޓްރާންސިޝަން ހަދަން،“ އަމީނު ވިދާޅުވިއެވެ.

ދައުލަތުން މޯލްޑިވިއަންއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީގެން ވައިޑް ބޮޑީ އެއާކްރާފްޓުގެ ޚިދުމަތް ފެށުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ދާނެކަމަށާއި، ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު 6 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ދެވަނަ މަތިންދާބޯޓު އަހަރު ދުވަހުގެ ތެރޭގައި ގެނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޤައުމީ އެއާލައިން ހަލާކުވީ ކުންފުނީގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button