ޚަބަރު

ގާނޫނުން އިސްތިސްނާކުރި މާއްދާތައް އަލުން އިއާދަކޮށް ދިނުމަށް އެދިއްޖެ: ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުން އިސްތިސްނާކުރި މާއްދާތައް އަލުން އިއާދަކޮށް ދިނުމަށް އެދި ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ), (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުުސޫލުތަކަށް އަމަލުކުރުން އިސްތިސްނާކުރުމަށް އެދި 26 އޭޕްރީލް 2020 ގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ގުދުރަތީ ކާރިސާއެއް ކަމަށްވާ ކޮވިޑު-19 ގެ އާލަމީ ވަބާ ރާއްޖެއަށް ކުރިމަތިވުމުގެ ސަބަބުންނެވެ.
މި ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ހީނަރުކަން ފިލައިގެން ގޮސްފައިނުވާތީ ދެފަހަރެއްގެ މަތިން މި އިސްތިސްނާގެ މުއްދަތު ރައްޔިތުންގެ މަޖިލީހުން ވަނީ އިތުރުކޮށްދީފައެވެ.
ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް، އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައި ކަމަށެވެ. މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ 3 އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 1 އިންސައްތަ އަށްވުރެ އިތުރުނުވާނޭ ގޮތަށެވެ.
މި މާއްދާގެ (ރ) ގައި ބުނެފައިވަނީ 1 ޖެނުއަރީ 2016 އިން ފެށިގެން، ދައުލަތުން ދަރަންޏަށް ފައިސާ ނަގަންވާނީ، ގައުމީ ތަރައްގީގެ މަޝްރޫއުތަކަށާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށާއި އެ ތާރީޚުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ޓަކައި، ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށެވެ. އަދި (ބ) ގައި ބުނެފައިވަނީ މި މާއްދާގެ (ރ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމަށްޓަކައި، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ އިގުތިސާދީ ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ވަނީ ކޮވިޑުގެ ކުރިން ހުރި މިންވަރު ފަހަނައަޅައި ގޮސްފައި ކަމަށާއި އެގޮތުން 2022 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރުވެފައި ކަމަށެވެ.

“އެހެންކަމުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މިހާރު ނެތުމުން 01 ޖަނަވަރީ 2024 ވަނަ ދުވަހުން ފެށިގެން މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ), (ރ) އަދި (ބ) އިސްތިސްނާކުރުން ނިމުމަކަށް ގެނެސްދެއްވައި މި ގާނޫނަށް އަމަލުކުރުން ފުރިހަމަގޮގޮތުގައި އިއާދަކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މި ވުޒާރާއިން ހުށަހެޅީއެވެ.“
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް އިސްތިސްނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ގާނޫނު އެކީ އިއާދަކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button