މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުޢިއްޒު ދެއްވައިފި
މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ ރޭ ބޭއްވި “މަސްވެރިންގެ ގުންޒަރު“ ގައި ބައިވެރިވި މަސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މަސް ކިލޯއެއްގެ އަގު 20 ރ. އަށްވުރެ ކުޑަނުކުރުމަށާއި ރާއްޖޭގެ ވަކި ހިސާބުތަކަކަށް މަސްކިރޭނެ ގޮތް ނެތުމުގެ ކަންބޮޑުވުން މަަސްވެރިން ވަނީ ރައީސަށް ހުށަހަޅާފައެވެ.
މީގެ އިތުރުން، މ.މުލަކުގައި ތަރައްގީކުރާ މަސް ފެކްޓަރީގެ މަސައްކަތްތައް އަވަސް ކޮށްދެއްވުމަށާއި ހުވަދު އަތޮޅު ދެކުނު ބިތުގައި މަސްކިރޭނެ އެއްވެސް ތަނެއް ނެތުމުގެ ކަންބޮޑުވުން ވެސް ހުށަހެޅިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިޚާބުތެރޭގައި ވައުުދުތައް ވެވަޑައިގެންނެވީ ވޯޓު ހޯއްދެވުމަށް ނޫން ކަމަށާއި އެއީ ކޮށްދެއްވުމުގެ ފޮނި އުންމީދުގައި ވެވަޑައިގެންނެވި ވައުުދުތަކެއް ކަމަށެވެ. އެގޮތުން ރައީސް ވަނީ މަސް ކިލޯއެއްގެ އަގު 20 ރ. އަށްވުރެ ދަށްނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މިހާރު މަސްކިލޯއެއް ވިއްކަނީ 25 ރ. އަށެވެ. މިދިޔަ ސަރުކާރުން މަސްކިލޯއެއްގެ އަގު 25 ރ. އަށް ބޮޑުކުރީ މަސްވެރިންގެ ޝަކުވާތައް އިިތުރުވުމުން މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ.
“މަސްވެރިންގެ ކަންބޮޑުުވުންތައް އަޑުއަހައިލުމަށް މިފަދަ ފުރުސަތެއް ލިބުނީތީ ޝުކުރު ކުރަން. އަދި ތިޔަ މަސްވެރިންގެ ކަންބޮޑުވުންތައް ސީދާ ބައްދަލުވެ ހުށަހެޅުމުން މިކަން ކުރުމަށް އިިތުރުު ހިތްވަރަކަށް ވެގެން ހިނގައްޖެ“ ރައީސް ވިދާޅުވިއެވެ.