
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވާ މައްސަލައިގައި އެމްޑީޕީ އޮތީ ”ފިލައިގެން“ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ޓެރަރިޒަމްގެ ކަންކަން އިސްލާހު ކުރަން ސަރުކާރުގެ އޮތް ސިޔާސަތު ކަމުނުދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޓެރަރިޒަމްގެ ކަންކަން ހުއްޓުމަކަށް ގެނެވެން އޮތީ ވިސްނުން ދޮވެލަމުންދާ އާންމު މީހުންގެ މައްޗަށް ހިކުމަތްތެރި ސިޔާސަތުތަކެއް އެކުލަވައިލެވިގެން ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ބޮޑުންގެ ވިސްނުން އަދިވެސް އޮތީ ރައްޔިތުންގެ މެދުގައި އިތުރު ނުތަނަވަސްކަމާއި ނަފުރަތު އުފައްދަން ޖާގަ ލިބޭ ގޮތަށް ޖަދަލު ކުރުމުގެ ކަންކަން އިސްވާނެ ގޮތަކަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
”އަޅުގަނޑު ހިތުން، އެމްޑީޕީގެ މެމްބަރުން ވެސް މިއަދު މިތަނުގައި ލަދުގަންނަން ޖެހޭނެ، ރައީސް ނަޝީދަށް އެވަރުގެ އަނިޔާއެއް ދިނީމާ، އެމްޑީޕީގެ ހުރިހާ އެންމެ ގެއަށް ވަދެ، ހޮރަށް ވަދެ ފިލައި މިއަދު އެ ތިބީ“ އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ނަޝީދަށް އިންސާފު ހޯދައިދޭން ކުރެވުނު ކަމެއް ނެތް ކަމަށާއި، އެމަނިކުފާނަށް އިންސާފު ލިބެން އޮތީ ވެސް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިސްވެ ތިބެ އެކުލަވާލާ ސަރުކާރަކުން ކަމަށެވެ.