ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މަޑުމައިތިރިކަމުގެ މިޒާޖުގެ ނާޖައިޒު ފައިދާ ނަގައިގެއެމަނިކުފާނުގެ ބާރުގެ މައްޗަށް މަދު ވަޒީރުންތަކެއް އަރައިގަނެގެން މަސައްކަތް ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ތޯރިގު މިހެން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންގެ ގުޅުމަށް ބުރޫ އަރާފައިވާކަމަށް ޓޮމް ވިދާޅުވިއެވެ.
ނިމިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު މަޖިލިސް ރައީސް މުަހައްމަދު ނަޝީދަށް ދިން ހަމަލާއަށް އަލި އަޅުއްވަމުން ތޯރިގު ވިދާޅުވީ އެއީ ސަރުކާރުގެ ”ފެއިލިއާއެއް“ ކަމަށެވެ. އަދި އެއީ ސަރުކާރުން ގަސްތުގައި ކުރެއްވި ކަމެއްކަމުގައި ޓޮމް ތުހުމަތު ކުރެއްވިއެވެ.
”ރައީސް ނަޝީދު އަވަހާރަވާން ސަރުކާރުން ގަސްދުގައި ދޫކޮށްލައިގެން ތިއްބަ އައި ހަމަލާއެއް އެއީ، އެއީ ހަގީގަތަކީ،“ ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ އެ މައުލޫމާތު ޑިފެންސް މިނިސްޓްރީއަށް އެނގި ހުރެ ފިޔަވަޅު ނޭޅުމުން އެކަމަށް ބާރު ލިބޭ ކަމަށެވެ.
”މަޑުމައިތިރިކަމުން ސަރުކާރު ވެސް ނުހިންގޭ ވަރަށް މަޑުމައިތިރި ވެފަ މި އޮތީ، ރައީސްގެ ބޮލަށް ސަވާރުވެގެން ހަތަރު ވަރަކަށް ވަޒީރުން މުޅި ސަރުކާރަށް ވެރިވެގަނެގެން އުޅެނީ،“ ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ހާމަކުރެއްވިގޮތުގައި 2023 ގެ އިންތިހާބު އަންނަން ވާއިރަށް ރައީސް ސޯލިހު އާއި ނަޝީދު އާއި ދެމެދު ބޮދެތި ވާދަވެރިކަމެއް އޮންނާނެ އެވެ. ތޯރިގު މިފަދައިން ވިދާޅުވެފައި މިވަނީ 2023 ވަނަ އަހަރުގެ އެމްޑީޕީ ގެ ރިޔާސީ ކެނޑިޑޭޓަކީ ނަޝީދު ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް އިެުލާންކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.