
ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ބީއެމްއެލް އިން ލޯނު ސްކީމެއް ތައާރަފު ކޮށްފި އެވެ.
މި ސްކީމުގެ ނަމަކީ ”ހޯމް އިމްޕްރޫވްމެންޓް“ އެވެ. މި ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންނަށް 25،000ރ. އާއި 150،000ރ. އާ ހަމައަށް ލޯނު ލިބޭނެ އެވެ. މި ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ރަހުނަކާ ނުލައެވެ. މި ލޯނު އަނބުރާ ދައްކަން 5 އަހަރުގެ މުއްދަތެއް ދޭ އިރު މަހަކު ދައްކަން ޖެހޭނީ އެންމެ 3،300ރ. ކަމަށް ބޭންކުން ބުނެއެވެ.
”ގޮންޖެހުންތަކާ އެކު ވެސް މިއަދު ތައާރަފު ކުރެވުނު ފައިނޭންސިން ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ލިބޭނެ އުފާވެރި ހަބަރެއް. ޝަރުތުހަމަވާ ފަރާތްތަކަށް ރަހުނަކާ ނުލައި، އިތުރު ހަރަދެއް ކުރަން ނުޖެހި، ލިބިފައިވާ ފްލެޓުގެ ބާކީ މަސައްކަތްތައް ނިންމާލަން ލޯނު މިހާރު ލިބޭނެ. މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ، ޝަރުއީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް ލިބޭނެ،“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވިއެވެ.
މި ލޯނު ސްކީމުގެ ސަބަބުން ހިޔާ ފްލެޓުތަށް ލިބުނު މީހުންނަށް އެތަނުގެ އިންޓީރިއާގެ މަސައްކަތް ކުރުމަށް ވަރަށް ބޮޑަތި ލުއި ފަސޭހަތަކެއް ލިބިގެނަ ދާނެއެވެ.